ކުޅިވަރު

ގޭމްސްގައި ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް


މިއަދު އިންޑިޔާގައި ފަށާ ސައުތް އޭޝިއަން ގޭމްސްގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 12 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ސަރުކާރުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ޑިފެންސް މިނިސްޓަރ މިހާރު ހުންނެވީ އިންޑިޔާގައެވެ. މިނިސްޓަރުގެ އިތުރުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުލްމުހުސިން ހަމީދާއި، ސްޕޯރޓްސް ކައުންސިލް މެމްބަރު އިހުސާން އަބުދުލްޣަނީވެސް ހުންނެވީ ގޭމްސްގެ ރަސްމިއްޔާތުގައި ބައިވެރިވުމަށާއި، ދިވެހި ކުޅުންތެރިންނާއި ޓީމްތަކަށް ހިތްވަރުދިނުމަށް ގުވަހައްޓީގައެވެ. ގޭމްސް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ގުވަހަޓީގައެވެ. ރަސްމިއްޔާތު ފަށާނީ ހަވީރު ފަހެއް ޖަހާއިރުއެވެ.