ސްޕެނިޝް ލީގުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
އެސްޕަންޔޯލުގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލް ކާމިޔާބުކުރީ ފަހު ވަގުތު ޖެހި ލަނޑުތަކާއެކު 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. އެކަމަކު އެސްޕަންޔޯލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޮސެލޫއެވެ.
މި މެޗުގައި ރެއާލުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކަރީމް ބެންޒެމާ ޖަހައިދިން ލަނޑުންނެވެ. އަދި އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ރެއާލުގެ ޑަނީ ސެބާޔޯސްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް ބެލުމަށްފަހު ވަނީ އެސްޕަންޔޯލުގެ ގޯލްކީޕަރު ބެންޖަމިން ލެކޮމްޓޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މި ފައުލާއި ގުލިގެން ލިބުނު ހިލޭ ޖެހުން ކާމިޔާބުކޮށް، ބެންޒެމާ ވަނީ ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ބެންޒެމާ ރެއާލަށް ކާމިޔާބުކޮށްދިން 327 ވަނަ ލަނޑެވެ.
މި މޮޅާއެކު ރެއާލް ވަނީ ލީގުގައި އެ ޓީމުން ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލިބިފައިވާ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އަރާފައެވެ. ރެއާލާ އެއްވަރަށް ނުވަ ޕޮއިންޓް ލިބިފައިވީ ނަމަވެސް، ލަނޑުގެ ތަފާތުން ދެވަނައިގައި އުޅެނީ ރެއާލް ބެޓިސްއެވެ. އަދި އެސްޕަންޔޯލް އުޅެނީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ 16 ވަނައިގައެވެ.