ކުޅިވަރު

މިއީ ކެރިއަރުގައި އެންމެ ކާމިޔާބު މަސް: ހިމްނާ


މިދިޔަ އެއް މަސް ދުވަހަކީ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ކަމަށް ބޮޑެތި ކާމިޔާބުތަކެއް ދާދި ފަހުން ހޯދި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ބުނެފިއެވެ.

މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ހިމްނާ ވަނީ ސްޕްރިންޓް ހުރިހާ ރިކޯޑެއް ކަހަލަ ގޮތަކަށް މުގުރާލާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ރިކޯޑަކީ 100 މީޓަރުގެ ގައުމީ ރިކޯޑެވެ. ހިމްނާ އެ ރިކޯޑު ހެދީ އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައެވެ. މިއީ މީގެ 21 އަހަރު ކުރިން ކެނެޑާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ކުރީގެ ދުވުންތެރިޔާ ސަމްހާ އަޙްމަދު ހެދި ރެކޯޑެކެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި މައިލޯ އެސޯސިއޭޝަން ކަޕުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ހިމްނާ ބުނީ މިހާ ކައިރި ކައިރީގައި ބޮޑު ތިން މުބާރާތް ނިންމާލީ އަލަށް ކަމަށާއި، ކާމިޔާބީއަށް ބަލާކަމުގައިވަނީ ނަމަ މިއީ އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު މަސް ކަމަށެވެ.

ހިމްނާ ބުނީ މި ހުރިހާ ކާމިޔާބީއަކާއެކު މިހާރުގެ އެންމެ ބޮޑު އަމާޒަކީ ގައުމަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ.

މި އަހަރުގެ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ހިމްނާ ވަނީ ތިން ރަން މެޑެލް ހޯދާފައެވެ. އެއީ 100 މީޓަރު ދުވުމާއި، 200 މީޓަރުގެ ދުވުން އަދި އޭނާގެ ރަސްމީ އިވެންޓް 400 މީޓަރު ދުވުމުންނެވެ. ހިމްނާ މި ތިން އިވެންޓުން ރަން މެޑެލް ހޯދިއިރު، އޭނާ ވަނީ މި ތިން އިވެންޓުގެ މީޓް ރެކޯޑުވެސް ހަދާފައެވެ.

މީގެ އިތުރުން ހިމްނާއަށް ވަނީ އޮލިމްޕިކް ސްކޮލާޝިޕެއްވެސް ލިބިފައެވެ. އެ ސްކޮލާޝިޕުގެ ދަށުން ތަމްރީންތައް ފުރިހަމަކުރުމަށް ހިމްނާ ވަރަށް އަވަހަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.