ކުޅިވަރު

ނިއުރޭޑިއަންޓްގެ ބިދޭސީ ކީޕަރު ޓީމާއި ގުޅުމަށް މާލެ އަތުވެއްޖެ


ކުރިއަށް އޮތް ސީޒަންގައި ނިއުރޭޑިއަންޓްގެ ގޯލް ބަލަހައްޓާ ޤާނާގެ ކީޕަރު އަބޫ ސުލޭމާނާ މާލެ އަތުވެއްޖެއެވެ. ކީޕަރު މިއަދު މެންދުރު މާލެއައުމުން މަރުހަބާ ކީ ކޯޗު ސްޓޮއިކޯފްއެވެ. މައުލޫމާތުލިބޭގޮތުގައި މިއީ ކޯޗު ދަންނަ ކީޕަރެކެވެ.ޤާނާ ލީގުގެ އިތުރުން އިތިއޯޕިޔާ ލީގުގައިވެސް ކުޅެފައިވާ ކީޕަރަކީ 30 އަހަރުގެ ތަޖުރިބާކާރު ކީޕަރެއްކަމަށް މައުލޫމާތުލިބެއެވެ. ކީޕަރު މާލެއައި އިރު އޭނާގެ ރިލީޒްވެސް ވަނީ ލިބިފައެވެ. ފާއިތުވި ސީޒަންގައިވެސް ނިއުގެ ގޯލް ބެލެހެއްޓީ ބިދޭސީ ކީޕަރެކެވެ. ނަމަވެސް ސީޒަން ނިމުނު އިރު ހުރީ ސީޒަން ފެށިއިރު ހުރި ކީޕަރެއްނޫނެވެ. އޭގެ ކުރީ ތިން އަހަރު ނިއުގެ ގޯލް ބެލެހެއްޓީ ރާއްޖޭގެ އެއްބަނަ ކީޕަރު އިމްރާން މުޙައްމަދެވެ.އަބޫ ސުލޭމާނާގެ އިތުރުން، ބިދޭސީ އިތުރު ދެ ކުޅުންތެރިން ނިއުއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދެ ޑިފެންޑަރުންނެވެ. އޭގެތެރެއިން އެއް ކުޅުންތެރިއަކީ ޑިފެންސިވް މިޑްފީލްޑަރަކަށްވެސް ކުޅޭ ކުޅުންތެރިއެކެވެ. އެދެކުޅުންތެރިންގެވެސް ރިލީޒް ވަނީ ލިބިފައެވެ. އަންނަ އާދިއްތަ ދުވަހު އެދެކުޅުންތެރިންވެސް ޓީމާއި ގުޅޭނެކަމަށް ކްލަބުން މައުލޫމާތުދެއެވެ.ނިއުރޭޑިއަންޓް ތައްޔާރުވަމުން ދަނީ މިމަހު ފަހުކޮޅު ފަށާ އޭއެފްސީކަޕަށެވެ.