ކ.ކާށިދޫގައި ހުންނަ ކ.އަތޮޅު މަދަރުސާގެ އައު ޢިމާރާތުގެ މަސައްކަތް ނިންމައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފިއެވެ. އައު ޢިމާރާތް މިއަދު ބޭނުން ކުރަން ފަށުމާއެކު މި މަދަރުސާގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ވަނީ ފުރިހަމަވެފައެވެ.
16 ކްލާސްރޫމް ހިމެނޭހެން 4 ބުރިއަށް ޢިމާރާތްކުރި މި މަދަރުސާގައި ކިޔެވުން މިފެށީ 496 ދަރިވަރުންނާ އެކުގައެވެ. ފައުންޑޭޝަން ސްޓޭޖުން ފަށްޓައިގެން ގްރޭޑް ދިހަ އަކާ ހަމައަށް ކިޔަވައިދޭ މި މަދަރުސާގައި މުވައްޒަފުންގެ ގޮތުގައި 69 މީހަކު މަސައްކަތް ކުރެއެވެ.
ކ. އަތޮޅު މަދަރުސާ (ކ. ކާށިދޫ)ގެ އައު އިމާރާތުގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށުން ފާހަގަކުރުން. މިއާއެކު މިއަދުން ފެށިގެން ކ. އަތޮޅު މަދަރުސާ ވެގެންދާނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ?? pic.twitter.com/pGyYnYxTM8
— Ministry of Education (@MoEdumv) August 28, 2022
ޕީ.އެސް.އައި.ޕީގެ ދަށުން ކާށިދޫ ސްކޫލްގެ އައު ޢިމާރާތް ހަދަން ޙަވާލުކުރީ ޑަބްލިއު އެންޑް އޭ އޯވާސީސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށް ޢަމަލީ މަސައްކަތް ފެށިފައިވަނީ 23 ޖުލައި 2019ގައެވެ.
އައައު ޢިމާރާތާއެކު މިމަދަރުސާގައި މަލްޓި ޕާރޕަސް ހޯލަކާއި އިލެކްޓްރިކަލް ރޫމެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ ފާޚާނާވެސް ވަނީ ހަދާފައެވެ.
ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވަމުން އެ މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނަސީމް ވިދާޅުވީ އަލަށް މި ލިބުނު ޢިމާރާތާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް މުޅިން ހައްލު ލިބިއްޖެކަމަށެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ތިރީސް ފަސް މިލިއަން އަށްޑިހަ ހަތްހާސް އަށްސަތޭކަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދެވި މަޝްރުޢެކެވެ.