ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ދެވަނަ ޑިވިޝަނުގެ ރަނަރަޕް ކުލަބު ޓީނޭޖާ އެއްވަރުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މި މެޗުން ސަސް މޮޅުވި ނަމަ ބާކީ މެޗެއް އޮއްވައި އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި މަގާމު އަލުން ޔަގީންކުރެވެން އޮތެވެ. އެކަމަކު މެޗު އެއްވަރުވުމުން ސަސްއަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.
މި މެޗު ފަށައިގެން ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ ކުރީކޮޅު އޭރިއާ ތެރެއިން ޓީނޭޖުގެ ނާޖިހު މުޙައްމަދު ފޮނުވާލި ހަމަލާ ސަސްގެ ކެޕްޓަން އަދި ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ.
އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ސަސްގެ އިބްރާހީމް އަތީގު ހަސަން (އިއްބެ) ފޮނުވާލި ހަމަލާއެއް ޓީނޭޖުގެ ބިދޭސީ ގޯލްކީޕަރު މުޙައްމަދު ހަސަން އަބްދުލް ހަމީދު ވަނީ މަތަކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޓީނޭޖުންނެވެ. އެގޮތުން މި ހާފު ފަށަައިގެން 11 ވަނަ މިނެޓުގައި އެ ޓީމުގެ މިސްރުގެ ފޯވާޑް އަލީ އަފީފީ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ދެ މިނެޓު ފަހުން ކޯނަރަކުން ޓީނޭޖުގެ ފުލްބެކް އަލީ އަޙްމަދު ބޮލުން ފޮނުވާލި ހަމަލާވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި ސަސް ފުލްބެކް މުޙައްމަދު ސާމިރު ނަގައިދިން ހުރަހަކުން އިއްބެ ބޮލުން ފޮނުވާލި ބޯޅައެއް ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އަދި މެޗުގެ 79 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޓީނޭޖުގެ ބިދޭސީ މިޑްފީލްޑަރު އަޙްމަދު މަހުމޫދު ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.
މި ނަތީޖާއާއެކު ކޮލިފިކޭޝަން ތާވަލުގެ އެއްވަނައިގައި ސަސް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓީނޭޖަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތީ އެއް މެޗުން ޕޮއިންޓެއް ހޯދާފައިވާ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އަދި ފުލުގައި އޮތީ ކުޅުނު ފުރަތަމަ މެޗުން ބަލިވި ބުރު ސްޕޯޓްސް ކުލަބެވެ.