ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ސްޕެނިޝް ލީގުގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުންދިޔަ ސްވިޑެންގެ ފޯވާޑް އެލެގްޒެންޑާ އިސާކް. އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
އިސާކް ނިއުކާސްލަށް ސޮއިކޮށްފައިވަނީ 60 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ރިޕޯޓުތަށް ބުނެއެވެ. އުމުރުން 22 އަހަރުގެ އިސާކް އަކީ މި ސީޒަނަށް ނިއުކާސަލަށް ގެންދިޔަ ހަތަރުވަނަ ކުޅުންތެރިޔާއެވެ.
އިސާކް ވަނީ ސޮސިއެޑާޑަށް 132 މެޗު ކުޅެދީ 44 ލަނޑު ޖަހައިދީފައެވެ. އަދި ސްވިޑެންއަށް 37 މެޗު ކުޅެދީ ނުވަ ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ.
އިސާކް ބުނީ ނިއުކާސަލަކީ އިންގްލަންޑުގެ ތާރީޚި ކުލަބެއް ކަމަށާއި، އަދި ކޮންމެ ކުޅުންތެރިޔަކުވެސް އެ ކުލަބަށް ކުޅެން ބޭނުންވާނެ ކަމަށެވެ. އަދި ނިއުކާސަލަކީ ވަރަށް ބަލާހިތްވާ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެއް ކަމަށާއި، އެ ޓީމުގެ ބަޔަކަށް ވުމަށް އޭނާ ޝައުގުވެރިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އިސާކް ނިއުކާސްލަށް ދިޔުމުން އެ ޓީމުގެ ފޯވާޑް ލައިނުގެ އޮޕްޝަންތައް ކޯޗު އެޑީ ހޯވްއަށް އިތުރު ވެގެންދާނެއެވެ.