ޑޮކްޓަރުންނާއި ނަރުހުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި ގުޅޭގޮތުން ޚާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.
އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް(އަސްބާ)ގެ ފަރާތުން ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށް ބާއްވާ މި ވޯކްޝޮޕް އޮތީ މިއަދު ހަވީރު ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ.
އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)އިން "މެންޓަލް ފިޓްނެސް ފޯރ ހައި ޕާރފޯރމާރސް" ގެ ނަމުގައި ކުރިއަށްގެންދާ މިވޯކްޝޮޕް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ދެސެޝަނަކަށް ބަހާލައިގެންނެވެ. އަސްބާއިން މަޢުލޫމާތުދެއްވާގޮތުގައި މިވޯކްޝޮޕްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތުގައި ޙަރަކާތްތެރިވާ 70އާއި 100އާ ދެމެދުގެ ޢަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިވޯކްޝޮޕާއި ގުޅޭގޮތުން އަސްބާގެ ފައުންޑަރ އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ ޑޮކްޓަރުންނާއި ނަރުހުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމާއި މެދު ދެކޭގޮތް ބަދަލުކުރުމަށާއި ސިއްޙީ ދާއިރާގައި އޮންނަ "މެންޓަލް ހެލްތް ސްޓިގްމާ" ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންތިޒާމުކޮށްފައިވާ ވޯކްޝޮޕެއްކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާގޮތުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ވީނަމަވެސް ނަފްސާނީ ދުޅަހެޔޮކަމުގައި ހުރުމަކީ ވަރަށް މުހިއްމުކަމެއް. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނަކީ މިކަމަށް އެންމެ ބޭނުންވާނެ އެއްބައެއްކަން ހަނދާންކޮށްލަން ޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.
ދެސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މިވޯކްޝޮޕްގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ މިދާއިރާގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ އާސިޔަތު ނަސޫހާއާއި ފާތިމަތު ޝިފާޒާއެވެ. ނަސޫހާއަކީ އިނގިރޭސިވިލާތުގެ ނޯތުމްބްރިއާ ޔުނިވަރސިޓީން އޮކިއުޕޭޝަނަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން މާސްޓަރ އޮފް ސައިންސަސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނަސޫހާ އަކީ ޕަބްލިކް ސެކްޓަރގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި ކޮންސަލްޓެންސީ ރޯލްތަކެއް އަދާކޮށްފައިވާ އޯގަނައިޒޭޝަނަލް ސައިކޮލޮޖިސްޓެއްކަމަށް އަސްބައިން ބުނެއެވެ.
ޝިފާޒާއަކީ ލީޑަރޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ވޭތުވެދިޔަ 10 އަހަރު އެޑިއުކޭޝަނަލިސްޓެއްގެ ގޮތުގައި ޝިފާޒާ މަސައްކަތް ކުރައްވާފައިވާކަމަށް އަސްބާއިން ބުނެއެވެ. އަސްބާގެ އަމާޒަކީ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށްއޮތްތަނުގައި އިންތިޒާމުކޮށް ނަފްސާނީ ބައްޔާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމެވެ.