ޚަބަރު

2017 އާއި ހަމައަށް ޝަރުޢީ ދާއިރާގެ އެކްޝަންޕްލޭން އެކުލަވާލައިފި


2016 އިން 2017 އަށް ކަނޑައަޅުއްވައިފައިވާ ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.މި އެކްޝަން ޕްލޭންގައި ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާ ކުރެއްވުމަށް އިސްކަންދެއްވާނެ މުހިންމު 4 ދާއިރާއެއް ކަނޑައަޅުއްވާފައިވެއެވެ. އެ ދާއިރާތަކަކީ ރައްޔިތުންނަށް ޢަދުލުގެ ނިޒާމަށް ފަސޭހައިން ވާސިލުވެވޭނެ އަދި ފަސޭހައިން ޢަދުލުއިންޞާފުގެ ޙައްޤު ހޯދޭނެ މަގުފަހި ކޮށްދެއްވުމަށްޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރީޢަތްކޮށް ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މަސައްކަތް ހަލުވިކޮށް އެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާއެވެ. އަދި މީގެ އިތުރުން ޝަރުޢީ ދާއިރާ ޖަވާބުދާރީ ކުރުވުމާއި ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން ރައްކާތެރިކޮށް ކަށަވަރު ކުރުމުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށްޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާގެ އިތުރުން ޖިނާއީ ޢަދުލުގެ ނިޒާމުގައި ޝާމިލުވާ އެކިއެކި މުއައްސަސާތަކުގެ ގުޅުމާއި އެއްބާރުލެއްވުން އިތުރަށް ވަރުގަދަ ކުރެއްވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާއެވެ.2016 އިން 2017 ވަނައަހަރާ ހަމައަށް ޝަރުޢީ ދާއިރާއިން ކަނޑައަޅުއްވައިފައިވާ އެކްޝަން ޕްލޭންގެ ދަށުން ހިންގެވުމަށް ނިންމަވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކޯޓުން ބޭރުގައި މައްސަލަތައް ޙައްލުކުރެއްވުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި، އެކަމާގުޅޭ ކޮމިޓީއެއް އެކުލަވާލުމަށް ނިންމުމާއި އަދި ކޯޓުން ބޭރުގައި މައްސަލަ ޙައްލު ކުރުމާގުޅޭ ތަމްރީނު ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް ދެއްވުން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ހެކިބަސް ދިނުމުގެ ނިޒާމު ހަރުދަނާ ކުރެއްވުމުގެ މަސައްކަތްވެސް މިމުއްދަތުގެ ތެރޭގައި ކުރެއްވުމަށް ރާއްވަވާފައިވެއެވެ. މީގެ އިތުރުންވެސް ކޯޓުތަކުގެ އިދާރީ ހިންގުން ވަރުގަދަކުރައްވައި، މައްސަލަތައް އަވަހަށް ނިންމެވުމުގެ ޤާބިލުކަން އިތުރުކުރެއްވުމަށް ކޭސް މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާކުރެއްވުމަށްވެސް ނިންމަވާފައިވެއެވެ.