އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ބަޒޫކާ ސްޕޯޓްސް ކުލަބާއި ވެލިދޫ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވިއިރު، ކުލަބު އޭދަފުށިން ހިންނަވަރު ސްޕޯޓްސް ކުލަބުގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.
ބުރާސްފަތި ދުވަހު ހަވީރު ހިންނަވަރު ފުޓްބޯޅަ ދަނޑުގައި ބަޒޫކާ އާއި ވެލިދޫ ބައްދަލުކުރި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލިދޫގެ ހުސެއިން ނިޝާނއވެ.
މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ވަރުގަދަ ސްކޮޑަކާއެކު މުބާރާތަށް ނުކުތް އޭދަފުށި މޮޅުވީ ހިންނަވަރު އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން އޭދަފުށިން ހިންނަވަރުގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އޭދަފުށިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ފަހު 20 މިނެޓުގެ ތެރޭގައި އޭދަފުށިން ވަނީ ހިންނަވަރު ކޮޅަށް އިތުރު ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ސައްޓު އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓު ފަހުން ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ 87 ވަނަ މިނެޓުގައި އޭދަފުށިން ހަތަރުވަނަ ލަނޑު ޖެހިއިރު، މެޗުގެ އިތުރު ވަގުތުގައި ސައްޓު ވަނީ ލަނޑެއް ޖަހައި، މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މި މެޗުގައި ހިންނަވަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައްފާޝް އަބޫބަކުރެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދަނީ ލީގު ބުރެވެ. އެއަށްފަހު ލީގު ބުރުން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމަށް ޖެހެނީ ސެމީ ފައިނަލް ކުޅޭށެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ކުލަބު އޭދަފުއްޓާއި، ބަޒޫކާ ސްޕޯޓްސް ކުލަބާއި، ވެލިދޫ އާއި، ނައިފަރު ޗެލްސީ އަދި ހިންނަވަރު ސްޕޯޓްސް ކުލަބެވެ.
މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ޅަވިޔަނި އަތޮޅަށް ހުޅުވާލައިގެންނެވެ. އެކަމަކު މި ފަހަރު މި މުބާރާތުގައި ދައުވަތު ދީގެން ވަނީ ޒޯނުގެ އެކި އަތޮޅުތަކުންވެސް ޓީމުތައް ބައިވެރިވެފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.