ޚަބަރު

މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 1 އިން 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 102339 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމަލް 1049111 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 720863 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 45.5 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުތަށް:


- ޖެނުއަރީމަހު – 131764 ފަތުރުވެރިން
- ފެބްރުއަރީ – 149008 ފަތުރުވެރިން
- މާރޗު – 150748 ފަތުރުވެރިން
- އޭޕްްރީލް – 145280 - ފަތުރުވެރިން
- މޭ – 125522 ފަތުރުވެރިން
- ޖޫން – 110889 ފަތުރުވެރިން
- ޖުލައި – 133561 ފަތުރުވެރިން
- އޮގަސްޓުމަހުގެ 22ވަނަ ދުވަހާ ހަމައަށް- 102339 ފަތުރުވެރިން

މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިމަހުގެ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން މިމަހުގެ 14ވަނަ ދުވަހު 5507 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4632 ފަތުރުވެރިން އާދެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ، 14.2 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ.

ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ އަދަދަކަށް އަންނަނީ ރަޝިއާއިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ކުރިއެރުންތައް ލިބެމުންދާއިރު، ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.