ޚަބަރު

ކަޕިލް ޝަރުމާ ޝޯވގެ 4 ވަނަ ސީޒަނުން ކްރުޝްނާއެއް ނުފެންނާނެ


އިންޑިއާގެ މަޝްހޫރު ކޮމީޑީއަން ކަޕިލް ޝަރުމާ ހޯސްޓު ކުރާ ކޮމެޑީ ޝޯވ "ދަ ކަޕިލް ޝަރުމާ" ޝޯވގެ 4 ވަނަ ސީޒަން ފަށަން ތައްޔާރުވެފައިއޮއްވައި، އެ ޝޯވގެ މުހިންމު އެއް ބައިވެރިއެއްކަމަށްވާ ކްރުޝްނާ އަބީޝެކް އެ ޝޯވއިން ވަކިވެއްޖެއެވެ.

ޝޯވގެ 4 ވަނަ ސީޒަނުން ނުފެންނާނެކަން ކްރުޝްނާ ވަނީ ކަށަވަރުވެސް ކޮށްދީފައެވެ. ކްރުޝްނާ ބުނާ ގޮތުގައި އޭނާ ކަޕިލް ޝޯވ ދޫކޮށްލީ އެގްރީމެންޓުގެ މައްސަލަތަކެއްގައެވެ. މިކަމާބެހޭ މާބޮޑު ތަފްސީލެއް ކްރުޝްނާ ދީފައެއްނުވެއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކްރުޝްނާ ޝޯވއިން ވަކިވާން ނިންމީ އޭނާއަށް ދޭ މުސާރައިގެ މައްސަލައެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެކްޓަރު/ކޮމީޑިއަން ބާރްތީ ސިންގްވެސް ކަޕިލް ޝޯވގެ ކުރިއަށް އޮތް ސީޒަނުގައި ގަވާއިދުން ނުފެންނާނެއެވެ. އާ ސީޒަން ފަށާނެ ސީދާ ތާރީޚެއް އަދި އިޢުލާންކޮށްފައި ނުވިނަމަވެސް ބޮޑަށް ބެލެވެނީ އަންނަ މަހު އައު ސީޒަން ދައްކަން ފަށާނެކަމަށެވެ.


4 ވަނަ ސީޒަންގައި ކަޕިލް ފެންނާނެގޮތްވެސް މިހާރު ވަނީ ދައްކާލާފައެވެ. ކަޕިލްގެ ލުކް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްލާފައެވެ. "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އައު ސީޒަންގެ ޕްރޮމޯގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކުރި އިރު، ފެންނަނީ މުޅިން ތަފާތު ކަޕިލްއެކެވެ. ކަޕިލް މިހާރު ފެންނަނީ ވަރަށް ވަރަށް ބޮޑަށް ހިއްކާލާފައި ހުއްޓައެވެ.

މި ޝޯވގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު ކަޕިލް ވަނީ ފީޗަރ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފައެވެ. "ޒިވިގާޓޯ" ކިޔާ މި ފިލްމު އަންނަ މަހު ބާއްވާ 47 ވަނަ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިލަވް (ޓީއައިއެފްއެފް) ގައި ޕްރީމިއާކުރާނެއެވެ. މި ފިލްމަކީ ނަންދިތާ ދާސް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ސޮނީ ޓީވީން 2016 ވަނަ އަހަރުން ފެށިގެން ދައްކަން ފެށި ދަ ކަޕިލް ޝަރުމާ ޝޯވއާއި ކްރުޝްނާ ގުޅުނީ ދެވަނަ ސީޒަނުން ފެށިގެންނެވެ. 4 ވަނަ ސީޒަން މިހާރު ފަށަން ތައްޔާރުވަމުންދާއިރު، ފާއިތުވި 3 ސީޒަންގައި މި ޝޯވގެ ޖުމްލަ 387 އެޕިސޯޑެއް ދައްކާފައިވެއެވެ.