ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ފަހަތުން އަރައި ކާމިޔާބުކުރި ލަނޑުތަކާއެކު ދެވަނަ ޑިވިޝަނުގެ ރަނަރަޕް ކުލަބު ޓީނޭޖުން ފުރަތަމަ ޑިވިޝަނުގެ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ އެއްވަރުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ވިއްސާރައިގައި މި މެޗު ކުޅެން ޖެހުމުގެ ސަބަބުން ދެ ޓީމަށްވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
މި މެޗު ރަނގަޅަށް ފެށީ ދަ ގްރާންޑޭ އިންނެވެ. އެގޮތުން ދަނޑުގެ އުނދަގޫ ހާލަތާއެކުވެސް އެ ޓީމުން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާ އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 40 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލީޑު ނަގާފައެވެ. އަރިމަތިން މުސްރިފް މޫސާ ނެގި ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާ ފޯވާޑް ހޫގޯ ނިކޮލަސްއެވެ.
ފުރަތަމަ ހާފު މި ނަތީޖާގަ އޮވެ ނިމުނުއިރު، މެޗުގެ ދެވަނަ ހާފުވެސް ފެށުން ރަނގަޅުކުރީ ދަ ގްރާންޑޭ އިންނެވެ. އެގޮތުން މި ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ދަ ގްރާންޑޭގެ މުޙައްމަދު ޝާރިހު ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ 10 މިނެޓު ފަހުން ދަ ގްރާންޑޭގެ އިބްރާހީމް އުސާމާ ދިން ބޯޅައަކުން ޝާރިހު ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގައި ދަ ގްރާންޑޭއިން ލީޑު ފުޅާކުރިތާ މިނެޓެއް ފަހުން ޓީނޭޖުން ވަނީ ސުން ކަނޑުވާލާފައެވެ. މިސްރުގެ ފޯވާޑް އަލީ އަފީފީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ހުސްކޮށް ހުރެ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ބަހުޖަތު އަބްދުލް އަޒީޒެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް ޓީނޭޖަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ދަ ގްރާންޑޭގެ ހުސެއިން ނަވީނުގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ. ނަމަވެސް އަފީފީ ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެކަމަކު އަފީފީ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރޭގައި ޓީނޭޖަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ މި މެޗު އެއްވަރުވެގެން ނިމުނުއިރު، ކޮލިފިކޭޝަން މެޗުތަކެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީނޭޖާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ އާއި ބުރު ސްޕޯޓްސް ކުލަބެވެ.