ވިޔަފާރި

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ފަށައިފި


މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ފަށައިފިއެވެ. ޓީޓީއެމް މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރއެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ކުރިއަށްދާނީ މިމަހުގެ 23 އިން 25 އަށް މީރުމާ އިވެންޓްސް ކޮންފަރެންސް ފެސިލިޓީގައެވެ.

ކޮންމެ އަހަރެއްގެ ޓީޓީއެމް މޯލްޑިވްސްގައި 3000 ޕްރީ ޝެޑިއުލް މީޓިން ކުރިއަށްގެންދެއެވެ. އަދި ދާއިރާގެ 500 އެއްހާ މީހުން ބައިވެރިވެއެވެ. މިއަހަރުގެ ޓީޓީއެމް ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 1000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. އޭގެތެރޭގައި ސަޕްލަޔަރުންނާއި، ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓާއި ޓީޓީއެމް އެވޯޑް އަދި ގާލާ ނައިޓް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު ކްރޮސްރޯޑް މޯލްޑިވްސްގައެވެ. މިއަހަރުގެ އެވޯޑް ހަފްލާގައިވެސް ފަތުރުވެރިކަމުގެ ގިނަ އެވޯޑްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ. މިއަހަރު ކުރިއަށްގެންދާ ޓީޓީއެމް ހަރަކާތަކީ މީގެ 6 ވަނަ ހަރަކާތެވެ.