ޚަބަރު

އަމާޒަކަށް ވާންޖެހޭނީ ގައިދީން އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު ހޯދައިދިނުން: ނައިބު ރައީސް


ޖަލަށް ގެނެވޭ ކޮންމެ މީހަކީވެސް، ރިހިބިލިޓޭޓްކުރެވި އަނބުރާ މުޖުތަމަޢަށް ގެންދެވޭނެ މީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާފުށި ޖަލުގައި ތިބި ގައިދީންނަށް ޚާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. އަދި ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެ ފަރާތްތަކަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށްފަހު މުޖުތަމައަށް ނިކުންނައިރު އެ ފަރާތްތަކުގެ ކުރިމަގު އުޖާލާވެގެން ދިޔުމެވެ.

މާފުފި ޖަލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޖަލުގައި ތިބި ގައިދީން އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު ހޯދައިދީ އާއިލާތަކާއި އެކު ދިރިއުޅުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ހުރިހާ އެންމެން އެ އަމާޒުގައި ކުރިއަށް ދިއުމަކީ އެންމެ މުހިންމު ކަންތައްކަމަށެވެ. އެގޮތުން އެއްވެސް މީހަކާއި މެދު ތަފާތުކުރުމާއިއެކު ވަކިގޮތަކަށް ކަންތައްތައް ކުރުން އެއީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަންޖެހޭނީ ޖަލަށް އަންނަ ކޮންމެ ފަރާތަކީވެސް އިހްތިރާމާއެކު އިހްސާންތެރިކަމާއިއެކު އަޅުގަނޑުމެންނަށް އެފަރާތްތަކާ ދޭތެރޭ އަމަލު ކުރެވި، ކޮންމެ މީހަކީވެސް އެނބުރި މުޖުތަމައުއަށް ގެނެވޭނެ މީހަކަށް ހެދުމަށްޓަކައި މަސައްކަތް ކުރެވޭތޯ" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މާފުށީ ޖަލުގައި ހިންގުނު ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީންނަށް މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. އެގޮތުން ސެޓްފިކެޓް ލިބުނު ފަރާތްތަކަކީ އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ ޢަޒުމް ކަނޑައެޅުއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

"ހަގީގަތަކީ ތިބޭފުޅުން މިއަދު ތިބެން ޖެހޭނީ އަޅުގަނޑުމެންނާއި އެއްކޮށް ޤައުމުގެ ތަރައްޤީގެ މަސައްކަތުގަ. ރަނގަޅު އާއިލާއެއް ބިނާކޮށް އެ އާއިލާއާ އެކު ވަގުތު ހޭދަކުރާ ބައެއްގެ ގޮތުގަ. އަޅުގަނޑުވެސް ދަންނަވާލަން ބޭނުމީ މި ލިބުނު ފުރުސަތުގެ ބޭނުން ނަންގަވާނުލުމަށް" ނައިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި ބައިވެރިންނަށް ނައިބު ރައީސް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ޕްރޮގްރާމްގައި 32 ގައިދީން ވަނީ ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. މިޕްރޮގްރާމްގެ ތެރެއިން ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސްވެސް މި ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުއްﷲ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ބޮޑުވެ މުޖުތަމައުގެ ހުރިހާ އާއިލާތަކުގެ ތެރެއަށް ފެތުރި އެކަމާމެދު ހިތާމަ ނުކުރާ އާއިލާއެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ވަރަށް ބުރަ ވަރަށް ގިނަ މަސައްކަތްތައް އެންމެން ގުޅިގެން ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަމާޒަކީ ޖަލަށް ވަންނަ ކޮންމެ ޤައިދީއަކު ރިހެބިލިޓޭޓްވެގެން ނިކުތުން. ޖަލަކީ ކޮންމެ މީހަކާ ގުޅޭގޮތުން ރިހެބިލިޓޭޝަން ޕްރޮގްރާމް ހެދި ރިހެބިލިޓޭޓް ކުރެވިގެން ނިކުންނާނެ ތަނަކަށް ވެގެންދިއުމަކީ އެންމެ ބޮޑު އުންމީދު. އަދި އެއްވެސް ބޭފުޅަކު ޤައިދީއެއްގެ ގޮތުގައި ޖަލުގެ ހަތަރު ފާރުގެ ތެރެއިން ފެންނާކަށް ބޭނުމެއް ނުވޭ. އަދި އެކަން ނުކުރެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން" މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ފެބްރުއަރީ މަހު ފެށިގެން އައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މައިގަނޑު 4 މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން، ރިސްކް އެސެސްމަންޓް އަދި އާފްޓަރ ކެއަރ ސަރވިސްއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ.