ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ ޖަރުމަނުގެ އެލެގްޒެންޑާ ޒްވަރޭވްގެ ފަޔަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ, ކުރިއަށް އޮތް ޔޫއެސް އޯޕަންގައި ވާދަނުކުރަން ނިންމައިފިއެެވެ.
ޒްވަރޭވްގެ ފަޔަށް އަނިޔާވެފައިވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލްގައި ރަފައަލް ނަޑާލް އާ ބައްދަލުކުރިމެޗްގައެވެ.
އުމުރުން 25 އަހަރުގެ ޒުވަރޭވްގެ ފަޔަށް ލިބިފައިވި އަނިޔާގެ ސަބަބުން އޭނާ ޔޫއެސް އޯޕަންއިން ރަސްމީކޮށް ވަކިވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ޒްވަރޭވްވަނީ 2020 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ. ޒްވަރޭވް މުބާރާތުން ވަކިވުމާއެކު މިހާރު މުބާރާތުގެ ސީޑިންގ އަށް މިވަނީ ބަދަލު އައިސްފައެވެ. މިގޮތުން މިހާރު ދެވަނައަށް ސީޑް ކުރެވޭނީ ދުނިޔޭގައި ތިންވަނައަށް ރޭންކް ކުރެވިފައިވާ ސްޕެއިންގެ ނަޑާލްއެވެ.
އެއްވަނައަށް ސީޑް ކުރެވޭނީ އެންމެފަހުގެ ޗެމްޕިއަން އަދި ދުނިޔޭގައި މިވަގުތު އެއްވަނައަށް ރޭންކް ކުރެވިފައިވާ ރަޝިޔާގެ ޑަނީލް މެޑްވެޑޭލްއެވެ. އަދި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީވެސް މިހާރުވަނީ އަށް ވަނައަށް ސީޑް ކުރެވޭނެކަން ޔަގީންވެފައެވެ. މިއާއެކު މިއަހަރު މޮޅު ކުޅުމެއް ދައްކަމުންދާ ނޯރީއަށް މިމުބާރާތުގައި އޭނާއަށް ވުރެ މަތިން ރޭންކް ސީޑް ކުރެވިފައިވާ ކުޅުންތެރިޔަކާއި ވަދަކުރަން ޖެހޭނީ ކްއާޓަރ ފައިނަލްގައެވެ.