ޚަބަރު

މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން 478.9 މިލިއަން ރުފިޔާ ހޯދައިފި


ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް މިއަހަރުގެ ދެވަނަ ކުއާޓަރގައި ކުރި މަސައްކަތުން 478.9 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 478،961،589 ( ހަތަރު ސަތޭކަ ހަތްދިހަ އަށް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް އެއް ހާސް ފަސްސަތޭކަ އަށްޑިހަ ނުވަ) ރުފިޔާވަނީ ހޯދާފައެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތައް ހޯދާފައިވާގޮތުގެ މައުލޫމާތުވެސް ކުއާޓަރލީ ރިޕޯޓުގައި ހިމަނާފައިވެއެވެ. އެގޮތުން ޑިއުޒް ކްލިއަރަންސް މެދުވެރިކޮށް 222 މިލިއަން ރުފިޔާ ރިމައިންޑަރ ކޯލްސް އަދި އީމެއިލްތައް ކޮށްގެން 30 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ. އަދި ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން 497810
( ހަތަރު ލައްކަ ނުވަދިހަ ހަތްހާސް އަށްސަތޭކަ ދިހަ) ރުފިޔާ ވަނީ ހޯދާފައެވެ.

ދެވަނަ ކުއާޓަރގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 774 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 739 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 96 ފަރާތަކަށް ހަމަޖައްސާދީފައިވާކަމަށް މީރާގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ ރިޕޯޓުގައިވެއެވެ.

މީރާއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާތަކުގެ ތަފްސީލްވެސް ވަނީ ކުއާޓަލީ ރިޕޯޓުގައި ހިމަނާފައެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ، 2.8 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމަނާއަށް އަރާފައިވާ 2.3 ބިލިއަން ރުފިޔާއާއި އެކު ޖުމްލަ 5.1 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް މިރިޕޯޓުގައިވެއެވެ.

އަދި ޓެކްސް ނޫން އާމްދަނީން ނުލިބި 3.1 ބިލިއަން ރުފިޔާ ހުރި އިރު، ޖޫރިމަނާގެ ފައިސާއަށް 6.7 ބިލިއަން އަރާފައިވެއެވެ. އަދި މިއާއެކު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށްވެސް މީރާއިންވަނީ ހާމަކޮށްފައެވެ.
ކޯޓުމެދުވެރިކޮށް ފައިސާ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި 7 މައްސަލަ ވަނީ މީރާއާ އެއްކޮޅަށް ނިމިފައެވެ. އެ މުއްދަތުގައި 108 މައްސަލައެއް މީރާއިން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. މީރާއާ ދެކޮޅަށް 3 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 4 މައްސަލަ ވަނީ މީރާއާ ދެކޮޅަށް ނިމިފައެވެ.