ޚަބަރު

އީރާނާއެކު ހަދާ އެއްވެސް އެއްބަސްވުމަކަށް އަމަލެއް ނުކުރާނަން: ޔަހޫދީން


އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ހުއްޓައިލުމާ ގުޅޭ ގޮތުން އެ ޤައުމާ އެކު ހަދާ އެއްވެސް އެއްބަސްވުމަކަށް ޔަހޫދީ އިސްރާޢީލުން އަމަލު ނުކުރާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޔައިރު ލަޕިދު ވިދާޅުވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ އޭނާގެ އޮފީހުންނެވެ.

އީރާނާ އެކު ހަދާ އެއްވެސް އެއްބަސްވުމަކަށް އިސްރާޢީލުން އަމަލު ނުކުރާނެ ކަން ފަރަންސޭސި ވިލާތުގެ ރައީސް އެމަނުއެލް މެކްޚޯނަށް އަންގާފައިވާނެ ކަމަށް ލަޕިދުގެ އޮފީހުން ބުނެއެވެ. އަދި، އީރާނާ އެކު އެއްވެސް އެއްބަސްވުމެއް އެކުލަވައިލުމަށް ޔަހޫދީން ދެކޮޅު ކަމަށް ވެސް އޭނާގެ އޮފީހުން ބުނެއެވެ.

އަދި، އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ކުރާ ހުރިހާ މަސައްކަތްތަކަށް ހުރަސް އަޅާނެ ކަމަށް ބުނެ، ލަޕިދުގެ އޮފީހުން ވަނީ އީރާނަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގެ ތެރެއިން އެ ޤައުމަށް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު ނުދިނުމަށް 2015 ވަނަ އެއްބަސްވުމެއް އެކުލަވައިލާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން، ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެ ޤައުމުތަކުން ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެ ޤައުމުން ވަނީ އެއްބަސްވުމުން ވަކިވެފައެވެ. އަދި، މި އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަނީ އީރާނާ އެކު މަސައްކަތް ކުރަމުންނެވެ.

މި ކަމާ ގުޅޭ ގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކަށް ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އެ ދެ ޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ވިލާތުގެ އިއްތިހާދުގެ އޮފިޝަލުން ބުނަނީ، ކައިރި މުސްތަގުބަލެއްގައި އެއްބަސްވުމަށް އަލުން ރުޖޫޢަވެވޭނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ. ނަމަވެސް، އީރާނުން އެންމެ ފަހުން ބުނެފައި ވަނީ އެއްބަސްވުމަށް ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ހުރަސް އަޅަމުންދާ ކަމުގައެވެ. އަދި، އެއްބަސްވުމާ ނުގުޅޭ ކަންކަން އެއްބަސްވުމުގެ ތެރެއަށް ވައްދަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި ކުށްވެރިން ބަދަލު ކުރުމާ ގުޅޭ ބައިތަކެއް އެއްބަސްވުމުގައި ހިމަނަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައި އީރާނުން ތުހުމަތު ކުރެއެވެ.