ޚަބަރު

އެބޯލާ ޖެހިގެން ކޮންގޯގައި އިތުރު މީހަކު މަރުވެއްޖެ


ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެބޯލާ ޖެހިގެން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އިތުރު މީހަކު މަރުވެއްޖެއެވެ. މި ބަލި ޖެހިފައިވާ މީހަކު ފެނިފައި ވަނީ ކޮންގޯގެ އިރުމަތީ ރަށެއް ކަމުގައިވާ ބޭނީއިންނެވެ. 46 އަހަރުގެ އަންހެން މީހާއަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައި ވަނީ އޭނާ މަރުވި ފަހުންނެވެ.

ބަލި ޖެހިފައިވާ އަންހެން މީހާއަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައި ވަނީ ޖުލައި 23 ގައެވެ. ނަމަވެސް، އޮގަސްޓު 15ގައި އޭނާ ވަނީ މަރުވެފައެވެ. 2018 އާއި 2020 ވަނަ އަހަރާ ދެމެދު ކޮންގޯގައި ހަލުވި ކަމާ އެކު މި ބަލި ފެތުރުނެވެ. ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ އެ ޤައުމުގެ އުތުރުގައިވާ ކީވޫއާއި އިތޫރީ ޕުރޮވިންސުގައެވެ. އެ ފަހަރު އެ ޤައުމުން މި ބަލީގައި 2,300 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، އެ ޤައުމުން އަލަށް ފެނިގެން އުޅޭ ކޭސްއަކީ ވެސް، އެއިރު ބަލި ޖެހިފައިވާ މީހުންނާ ގުޅުންހުރި ކޭސްއެއް ކަމުގައި އެ ޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބަޔޯމެޑިކަލް ރީސަރޗް (އައި.އެން.އާރް.ބީ)އިން ބުނެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޮންގޯގައި މި ބަލީގައި ހަ މީހަކު މަރުވިއެވެ. އަދި މި އަހަރުގެ މިހާތަނަށް އިތުރު ފަސް މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި ބަލި ޖައްސާ ވައިރަހަކީ ބަލި ޖެހޭ މީހުންގެ ހަށިގަނޑުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމުގެ ކުޅަދާނަކަން ލިބިފައިވާ ވައިރަހެކެވެ. އަދި، އަހަރުތަކެއް ފަހުން ވެސް، ބަލި ފެތުރެން ފަށައެވެ.

މި ބަލީގައި މަރުވި އަންހެން މީހާއާ އެއްތަންވެފައިވާ 131 މީހަކު މިހާރު ދެނެގަނެވިފައިވާ ކަމަށް އައި.އެން.އާރް.ބީ.އިން ބުނެއެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 60 މީހުން ހިމެނޭ އިރު، 59 މީހަކަށް މީގެ ކުރިން ވަނީ ވެކްސިން ދީފައެވެ.

ކޮންގޯއިން އެބޯލާގެ އައު ކޭސްއެއް ފެނުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވެސް ވަނީ ތަހުޤީޤެއް ފަށާފައެވެ. 1976 ވަނަ އަހަރުން ފެށިގެން ކޮންގޯގައި ޖުމުލަ 14 ފަހަރެއްގެ މަތިން މި ބަލި ފެތުރިފައިވެއެވެ. މި ބަލީގެ އަމާލަތްތަކުގެ ތެރޭގައި ހުމާއި ގައިގައި ރިހުމާއި ބޭރަށް ހިންގުން ހިމެނެއެވެ.