ޚަބަރު

ހަނގުރާމައިގައި ޔޫކްރެއިނުގެ 9,000 ސިފައިން މަރުވެއްޖެ


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާ ފަށާފައިވާ ހަނގުރާމައަށް ހަ މަސް ފުރުމާ ގާތްވެފައި ވާއިރު، މިހާތަނަށް ޔޫކްރެއިން ސިފައިންގެ 9,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައި އެ ޤައުމުން ބުނެފިއެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ޔޫކްރެއިނުގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު ކަމުގައިވާ ޖެނެރަލް ވަލޭރީ ޒަލުޒްނީ ވިދާޅުވީ، ހަނގުރާމައިގައި މަރުވެފައިވާ 9,000 އެއްހާ ސިފައިންނަކީ ޤައުމުގެ ދިފާޢުގައި މަރުވި ބަތަލުންތަކެއް ކަމުގައެވެ. އަދި، އެ މީހުންގެ ޢާއިލާތަކާއި ދަރިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

"މަރުވެފައިވާ 9,000 ސިފައިންނަކީ ބަތަލުންތަކެއް. އެ މީހުން މި ޤައުމަށް ޓަކައި ވީ ޤުރުބާނީއެއް އެ މީހުންގެ ދަރިންނަކަށް އަދި ނޭނގޭނެ. އެހެންވީމަ، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ އަހަރުމެންގެ ޒިންމާއެއް،" ޖެނެރަލް ޒަލުޒްނީ ވިދާޅުވިއެވެ.

ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ ސިފައިންގެ އަދަދު ޔޫކްރެއިނުން ހާމަކޮށްފައި ވީ ނަމަވެސް، މި ހަނގުރާމައިގައި ފުރާނަ ގެއްލުނު ޢާންމުންގެ އަދަދު އެ ޤައުމުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ހަނގުރާމައިގައި މިހާތަނަށް 45,400 އަށްވުރެ ގިނަ ރަޝިޔާ ސިފައިން މަރުވެފައިވާ ކަމަށް ޔޫކްރެއިނުން ބުނެއެވެ. ނަމަވެސް، ރަޝިޔާއިން މި އަދަދު ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ ނާޒީންގެ އަތްދަށުން އެ ޤައުމު މިނިވަން ކުރުމުގެ ނަމުގައެވެ. އަދި، އެ ޤައުމުގެ އިރުމަތީގެ ބޮޑު ސަރަޙައްދަކަށް ވަނީ އަތްގަދަ ކޮށްފައެވެ. ނަމަވެސް، އެ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.