ޚަބަރު

ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި 20 މީހުން މަރުވެއްޖެ


އަފްޣާނިސްތާނުގެ މެދުތެރޭގެ ސްޓޭޓެއް ކަމުގައިވާ ލޮގާރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 20 މީހުން މަރުވެއްޖެއެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ލޮގާރު ސްޓޭޓްގެ ސަރަޙައްދުތަކަށް ހުއްޓައިނުލައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމާ ގުޅިގެން ޢާންމުންގެ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަފްޣާނިސްތާނުގެ ކާރިސާތަކާ ބެހޭ އިދާރާގެ ތަރުޖަމާނު މުޙައްމަދު ނަސީމް ޙައްޤާނީ ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި އިތުރު 35 މީހަކަށް އަނިޔާވި ކަމުގައެވެ. ފެންބޮޑުވުމަކީ، މި އަހަރުގެ ތެރޭގައި އަފްޣާނިސްތާނަށް ކުރިމަތިވި ފުރަތަމަ ޤުދުރަތީ ކާރިސާއެއް ނޫނެވެ. ޖޫން މަހު އެ ޤައުމަށް އައި ބާރުގަދަ ބިންހެލުމެއްގައި 1,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

މިދިޔަ އޮގަސްޓު މަހު އަފްޣާނިސްތާނުގެ ވެރިކަމާ ގަދަކަމުން ހަވާލުވި ތާލިބާނުންނަށް، މި ފަދަ ކާރިސާތަކާ ގުޅިގެން ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ. އަދި، ކާރިސާތަކުގައި އަނިޔާވެ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތާލިބާނުން ވަނީ ނުކުޅެދިފައެވެ.

"މި ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލަން. ޚާއްޞަކޮށް، މުސްލިމް ޤައުމުތަކާއި އިންސާނީ އެހީދޭ ޖަމުޢިއްޔާތަކުގެ އެހީ ބޭނުންވޭ،" ތާލިބާނުންގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ބުންޏެވެ.

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ މިފަދަ ޤުދުރަތީ ކާރިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި ކަމަށް އިތުރު ފައިސާ ބޭނުންވާނެ ކަމަށް އެ ޖަމުޢިއްޔާތަކުން ބުނެއެވެ. އެކި ހާދިސާތަކުގައި އަފްޣާނިސްތާނުގައި އެތައް ހާސް ބަޔަކު ވަނީ މަގުމަތިވެފައެވެ. އަދި ބޯހިޔާވަހިކަމާއި ސާފު ބޯފެނަށް ޖެހިފައެވެ.