ދުނިޔެ

އިންޑިއާއިން ޒިކާއަށް 2 ވެކްސިނެއް އުފައްދަނީ


ޒިކާ ވައިރަސްއާއި ދެކޮޅަށް ބޭނުން ކުރެވޭ ބާވަތުގެ 2 ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާކަން އިންޑިޔާގެ ބަޔޮޓެކްނޮލޮޖީގެ މަރުކަޒެއްކަމަށްވާ "ބަހާރަތު ބައޮޓެކް" އިން ހާމަކޮށްފިއެވެ. އިންޑިޔާގެ ދެކުނު ސިޓީއެއްކަމަށްވާ ހައިދަރު އާބާދުގައި ހުންނަ މިމަރުކަޒުގެ ވެރިޔާ ޑރ. ކްރިޝްނާ އެލާ ވިދާޅުވީ، ޒިކާ ވައިރަސްއަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މީގެ އަހަރެއްހާ ދުވަސްކުރިން "ބަހާރަތު ބައޮޓެކް" އިން ފަށާފައިވާ ކަމަށާއި މި މަސައްކަތުގައި މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ޒިކާ ވައިރަސްއިން ސަލާމަތް ވުމަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް އެމެރިކާގެ ސައެންސްވެރިންނަށް ގޮވާލައްވާފައިވެއެވެ. އަދި ޒިކާ ވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އިންޑިޔާގެ އިތުރުން އެމެރިކާއާއި ފަރަންސޭސިވިލާތާއި ބްރެޒިލުންވެސް ކުރަމުން ގެންދާކަމަށް ޚަބަރު ލިބެއެވެ.ބްރެޒިލްއާއި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގައި އަލަށް އުފަންވާ ތުއްތުކުދިންގެ ބޮލާއި ސިކުނޑިއަށްޖެހޭ މައިކްރޯސެފަލީ ބައްޔަކީ ޒިކާ ވައިރަސްއާއި ގުޅުންހުރި ބައްޔެއް ކަމަށް ބެލެވިފައިވާއިރު، ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިންވަނީ މިބައްޔާއި ދެކޮޅަށް އާންމު ސިއްޚަތުގެ ދާއިރާގައި ކުއްލި ޙާލަތު އިޢުލާން ކޮށްފައެވެ.