ޚަބަރު

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ތޫނު އެއްޗަކުން ހަމަލާދީފި


މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

އަލީ ޞާލިހަށް ހަަމަލާދީފައިވާ މައްސަލައެއް މިއަދު މެނދުރު 1.26 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އަލީ ޞާލިހް ވިދާޅުވީ މިހަމަލާދީފައިވަނީ އަލީ ޞާލިޙް ހުޅުމާލެ މަގުމަތިން ސައިކަލްގައި ދަނިކޮށް ސައިކަލް ކުރިމައްޗަށް އަރާ ހުއްޓުވުމަށްފަހުއެވެ. ހަމަލާދިން މީހާވަނީ އަލީ ޞާލިހަކީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހެއް ކަމަށާއި ދީނީ މީހުން ހައްޔަރުކޮށްގެން ތިހެން ނުތިބެވޭނެ ކަމަށް ބުނެ ޖީބުން ކަޓަރެއް ނެގުމަށްފަހު އަލީ ޞާލިހް ހަމަލާދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށްވެސް ހަމަލާދިނުމަށް އޭނާ މަސައްކަތް ކުރުމުން ސައިކަލް ދޫކޮށްލުމަށްފަހު މަގުމަތިން ދިޔަ ޕިކަޕެއްގެ އެހީގައި އަލީ ޞާލިހް ހޮސްޕިޓަލަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހަމަލާގައި އަލީ ޞާލިހްގެ އަތުން 4 އިންޗިހާ ފުންމިނުގައި ތަނެއް ކަނޑައިގެން ގޮސްފައިވާ ކަމަށާއި މިޒަޚަމަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވާ ކަމަށްވެސް އަލީ ޞާލިހް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މިމައްސަލަ ފުލުހުންދަނީ ތަހްޤީގުކުރަމުންނެވެ.