ޚަބަރު

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު މިހާރު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭނެ


ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް ޑެބިޑް ކާޑު މިހާރު ރާއްޖެއިން ބޭރުގައިވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ހަމައެކަނި ބޭނުންކުރެވޭ ގޮތަށް ފުރަތަމަ އިފްތިތާހު ކުރި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން 3،000 ޑޮލަރާ ހަމަޔަށް އޮންލައިންކޮށް އަދި ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކަށް މިހާރު ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ އެމެރިކަން އެކްސްޕްރެސް އާއެކު ބީއެމްއެލްގެ ދުވަސްވީ ޕާރޓްނާޝިޕްގެ އެހީގައި މިހާރު ބޭންކުން ދޫކުރާ ޑެބިޓް ކާޑު އިތުރަށް ފުޅާކޮށް ރާއްޖެއިން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ހުރިހާ މަރޗަންޓް މެދުވެރިކޮށް މި ކާޑު ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެވިފައިވާ ކަމަށެވެ.

" ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާއިރު މިގެނެވުނު ބަދަލުންވެސް ރާއްޖޭގައި ކާޑު ދޫކުރުމުގައި ބީއެމްއެލް އިން އަދާކުރަމުންދާ އިސްދައުރު ދައްކުވައިދޭ."  ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

އެމެރިކަން އެކްސްޕްރެސްގެ ފަރާތުން، ވައިސް ޕްރެޒިޑެންޓް، ގްލޯބަލް ނެޓްވޯކް ސަރވިސަސް އިންޑިއާ އެންޑް ސައުތު އޭޝިއާ، ޑިވްޔާ ޖައިން ވިދާޅުވީ ދެކުނު އޭޝިއާގައި ބޭންކް އޮފް މޯލްޑިވްސް އަކީ އެމެރިކަން އެކްސްޕްރެސްއަށް މުހިންމު ޕަރޓްނަރެއް ކަމަށެވެ.

"ރާއްޖެއިން ބޭރުގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ގެނެވުނު ބަދަލަކީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކާޑު މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ޚަރަދު ކުރާ ގޮތަށް ބެލުމަށްފަހު އިތުރު ލުއި ފަސޭހަކަމެއް ހޯދައިދިނުމަށް ގެނެވުނު މުހިންމު ބަދަލެއް. "ޑިވްޔާ ޖައިން ވިދާޅުވިއެވެ.

އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓެއް ކަނޑައެޅުމަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށާއި، އަލަށް ކާޑަށް އެދި ހުށަހަޅަން ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.