ޚަބަރު

ކަޝްމީރުގައި އަސްކަރީ އުޅަނދެއް އެކްސިޑެންޓުވެ ނުވަ މީހުން މަރުވެއްޖެ


ކަޝްމީރުގެ ޕާކިސްތާނުގެ ފަޅީގެ ފަރުބަދަމަތީ މަގަކުން ދަތުރު ކުރަމުންދިޔަ އަސްކަރީ އުޅަނދެއް ކޮންޓްރޯލް ނުވެ، މަގުން ބޭރަށް ވެއްޓުމުގެ ސަބަބުން ނުވަ މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައި ވަނީ ސިފައިންގެ ނުވަ މީހުންނެވެ. އަދި، އިތުރު ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ، މި އުޅަނދު ހިމެނޭ އަސްކަރީ ގާފިލާ ކަޝްމީރުގެ ރަށެއް ކަމުގައިވާ މަންގް ބަޖްރީއަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައެވެ. އެކްސިޑެންޓުގެ މަގުން ބޭރަށް ވެއްޓުނު އަސްކަރީ އުޅަނދުގައި 13 ސިފައިން ދަތުރު ކުރަމުން ދިޔަ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.

އެކްސިޑެންޓުވި ވަގުތު، އުޅަނދުގައި ދަތުރު ކުރަމުންދިޔަ ސިފައިންގެ ހަތް މީހަކު މަރުވި ކަމަށް އަސްކަރިއްޔާގެ އޮފިޝަލަކު ބުންޏެވެ. އަދި، އިތުރު ދެ މީހަކު މަރުވެފައި ވަނީ ރަވަލަކޮތުގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ފަހުންނެވެ. އަސްކަރީ އުޅަނދު ކޮންޓްރޯލް ނުވެ، ފަރުބަދަމަތީ މަގުން ތިރިއަށް 500 ފޫޓަށް އުޅަނދު ވެއްޓުނު ކަމަށް މަންޒަރު ފެނުނު މީހުން ބުނެއެވެ.

ކަޝްމީރުގެ ފަރުބަދަމަތީ ހިސާބުތަކުގެ މަގުތަކަކީ އެހާ ރައްކާތެރި މަގުތަކެއް ނޫނެވެ. ގިނަ މަގުތައް އޮންނަނީ ރަނގަޅު ފެންވަރަކަށް ހަދާފައެއް ނޫނެވެ. މީގެ ކުރިން ވެސް، އެ މަގުތަކުގައި މި ފަދަ އެތަކެއް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެއެވެ. 2021 ނޮވެންބަރުގައި އެ ސަރަޙައްދުގައި ދުއްވާފައި ދިޔަ ބަހެއް، ކޮންޓްރޯލް ނުކުރެވި، ފަރުބަދަމަތީ މަގުން ތިރިއަށް ވެއްޓި އޭގައި ދަތުރު ކުރަމުންދިޔަ 22 މީހުން މަރުވިއެވެ.