ކުޅިވަރު

ނިއުކާސަލާއި ސިޓީގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ނިއުކާސަލުގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަސްވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިލްކާއި ގުންޑޮގާންއެވެ. ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި މިގުއެލް އަލްމިރޯން ވަނީ ލަނޑެއް ޖަހައި، ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗުގެ 39 ވަނަ މިނެޓުގައި ކެލުމް ވިލްސަން ޖަހައިދިން ލަނޑާއެކު ނިއުކާސަލުން ވަނީ ލީޑު ނަގާފައެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ކިއެރޮން ޓްރިޕިއާ ކާމިޔާބުކުރި ލަނޑާއެކު ނިއުކާސަލުން ވަނީ ލީޑު ފުޅާކޮށްފައެވެ.

އެކަމަކު އޭގެ ފަހުން ސިޓީން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި އާލުން ބްރައުޓް ހާލަންޑް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބާނާޑޯ ސިލްވާއެވެ. މި މެޗުގައި ނިއުކާސަލުގެ ޓްރިޕިއާއަށް ރަތް ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެ ކާޑު ވަނީ ރީނޑޫ ކާޑަކަށް ބަދަލުކޮށްފައެވެ.

މި މެޗު އެއްވަރުވުމާއެކު ސިޓީ މިހާރު ވަނީ ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. އަދި ނިއުކާސަލް އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.