ޚަބަރު

ތުރުކީވިލާތުގައި ހިނގި އެކްސިޑެންޓު ތަކެއްގައި 32 މީހުން މަރުވެއްޖެ


ތުރުކީވިލާތުގެ ދެ ރަށެއް ހިނގި މަގުމަތީގެ އެކްސިޑެންޓުތަކެއްގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފިއެވެ. މީގެ ތެރެއިން ފުރަތަމަ އެކްސިޑެންޓު ހިނގާފައި ވަނީ އެ ޤައުމުގެ އިރުދެކުނުގައިވާ ގަޒިއެންޓެޕްގެ އިރުމަތީގައި އޮންނަ މަގެއްގައެވެ. ފުރަތަމަ ހާދިސާ ހިނގާފައި ވަނީ ބަހެއް އެކްސިޑެންޓު ވެގެންނެވެ.

އެ ހާދިސާގައި އަނިޔާވި މީހުންނަށް އެހީތެރިވުމަށް ކުއްލި ހާލަތްތަކުގައި ޞިއްޙީ ފަރުވާދޭ މީހުންނާއި އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވަމުން ދަނިކޮށް، ދެވަނަ ބަހެއް ކޮންޓްރޯލް ނުވެގެން ގޮސް އެ މީހުންގެ ގައިގައި ޖެހި، އެކްސިޑެންޓުވިއެވެ. މި ހާދިސާގައި 16 މީހުން މަރުވެ، އިތުރު 20 މީހަކު ޒަޚަމްވިއެވެ. މަރުވި މީހުންގެ ތެރޭގައި މި ހާދިސާ ރިޕޯޓު ކުރަމުން ދިޔަ ނޫސްވެރިން ވެސް ހިމެނެއެވެ.

މީގެ އިތުރުން، ތުރުކީ ވިލާތުގެ އިރުމަތީގައި އޮންނަ ޑިރެކް ޑިސްޓްރިކްޓުގެ ރަށެއް ކަމުގައިވާ މަރްޑިންގައި ލޮރީއެއް ވަނީ ކޮންޓްރޯލް ނުވެގެން ގޮސް، ޞިއްޙީ ޚިދުމަތްތެރިންގެ ބަޔެއްގެ ގައިގައި ޖެހި، އެކްސިޑެންޓުވެފައެވެ. އެ މީހުން އެ ވަގުތު ހަރަކާތްތެރިވަމުން ގޮސްފައި ވަނީ، އެ ސަރަޙައްދުގައި ހިނގި އެހެން އެކްސިޑެންޓެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށެވެ.

މި ހާދިސާގައި 16 މީހުން މަރުވިއެވެ. އަދި، އިތުރު 29 މީހަކު ޒަޚަމްވިއެވެ. މީގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިޔަސް ކަމުގައި ތުރުކީ ވިލާތުގެ ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.