ޚަބަރު

ޗައިނާގެ އަމަލުތަކާ ގުޅިގެން ޖަޕާނުން ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ


ޗައިނާއިން އަސްކަރީ ބާރުވެރިކަން ދައްކަމުން ދަނޑިވަޅެއްގައި، އެ ޤައުމުން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ޖަޕާނުން ދިފާޢީ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފިއެވެ. ޖަޕާނުގެ ނޫހެއް ކަމުގައިވާ ޔުމޮއޫރީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖަޕާނުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ޤާއިމު ކޮށްފައިވާ ދިފާޢީ ނިޒާމު އިތުރަށް ވަރުގަދަ ކުރަން އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މި ގޮތުން، އެ ޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި 1,000 ދުރު ރާސްތާ ކްރޫޒް މިސައިލް ސިސްޓަމް ޤާއިމު ކުރަން އެ ޤައުމުގެ އަސްކަރިއްޔާއިން މަސައްކަތް ފަށާފައިވާ ކަމުގައި އެ ނޫހުން ރިޕޯޓު ކުރެއެވެ. އަދި، ދިފާޢީ ނިޒާމު އެންމެ ބޮޑަށް ވަރުގަދަ ކުރަން ނިންމާފައި ވަނީ އެ ޤައުމުގެ ދެކުނުގެ ރަށެއް ކަމުގައިވާ ނަންސެއިގައި ކަމަށް ވެސް އެ ނޫހުން ރިޕޯޓު ކުރެއެވެ.

ނަމަވެސް، ޖަޕާނުގެ ސަރުކާރުން މި ކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޖަޕާނުގެ ޤާނޫނު އަސާސީގައި ބުނަނީ، އެ ޤައުމަށް ހަތިޔާރު ބޭނުން ކުރެވޭނީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން ޖެހޭ ހާލަތެއް މެދުވެރިވުމުން އެކަންޏެވެ. ފަހަކަށް އައިސް އެ ޤައުމުން ވަނީ ދިފާޢީ ކަންކަމަށް ކުރާ ހޭދަ އިތުރު ކޮށްފައެވެ. ނަމަވެސް، ދުރުރާސްތާ މިސައިލް ސިސްޓަމްތައް ތައްޔާރީ ހާލަތަކަށް މީގެ ކުރިން ގެނެސްފައެއް ނުވެއެވެ.

ޖަޕާނާއި ޗައިނާ ހިމެނޭ އިރުމަތީ އޭޝިޔާ ސަރަޙައްދުގައި ކޯޅުންގަނޑު ބޮޑުވެ، ނުތަނަސްކަމެއް ފެށިގެން ދިޔައީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ މި މަހުގެ ކުރީކޮޅު ތައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންނެވެ. އޭނާ ތައިވާނަށް ވަޑައިގެންނެވީ، އެ ކަން ނުކުރުމަށް ޗައިނާއިން ގޮވައިލާ، އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

ޕެލޯސީގެ ދަތުރުފުޅާ އެކު ޗައިނާއިން ނުރުހުންވެ، ތައިވާނު ވަށައިގެންވާ ކަނޑާއި ވައިގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ހިންގިއެވެ. އަދި، އެ ތަމްރީނުތައް ހުއްޓިލިތާ ގިނަ ދުވަސްތަކެއް ނުވެ، އެމެރިކާގެ ކޮންގްރެސްގެ ދެވަނަ ވަފުދެއް އެ ޤައުމުން ވަނީ ތައިވާނަށް ފޮނުވާފައެވެ. އެ ކަމާ ގުޅިގެން ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.