ތަމްރީނާއި ތަޖްރިބާ ޙާސިލުކުރުމަށް ދިވެހި އެޑިޓަރުންނާއި ނޫސްވެރިންގެ ޓީމެއް އިންޑިއާއަށް ފުރައިފިއެވެ.
މިޕްރޮގްރާމަކީ ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބުނު ފުރުޞަތެކެވެ. މިއީ "އިން ސަރވިސް ޓްރެއިނިންގ އޮފް އެޑިޓަރސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވަރސިޓީ،(ނޮއިޑާ) އިން އިންތިޒާމްކުރާ 8 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށެވެ.
ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިންގެ ގޮތުގައި މިނޫސް، އޭދަފުށި ޓައިމްސް، ވަގުތު ނޫސް، ޕަބްލިކް ސާރވިސް މީޑިއާ، ގާފު އޮންލައިން، ސަން އޮންލައިން، ތިލަދުން، ވީޓީވީ، އޭއޯ ނިއުސް، އަދަދު ނޫސް، އަރި އޮންލައިން، ރާއްޖެ ޓީވީ، އާފަތިސް ނޫސް، އަވަސް އޮންލައިން، އެމްވީޓީވީ، މިހާރު ނޫސް އަދި ދެން އޮންލައިން ހިމެނޭ ގޮތަށް ޖުމްލަ 20 ފަރާތެއް ހިމެނެއެވެ.
We wish safe and comfortable journey to all participants who departed today for the "In-service training of Editors and Journalists of Maldives" at Amity University, Noida from August 22 - 29.@HCIMaldives pic.twitter.com/ovb94jaSSo
— Maldives Media Council (@mmc_mv) August 21, 2022
މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޖަރނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ގާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، އެކި ހާލަތްތަކުގައި ރިޕޯޓް ކުރާނެ ގޮތް، ވީޑިއޯ ޖަރނަލިޒަމް، މޯބައިލް ރިޕޯޓިންގ، ކޮމިއުނިޓީ ބްރޯޑްކާސްޓިން، އިންވެސްޓިގޭޓިވް ޖަރނަލިޒަމް، އިންތިޚާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް،ޑިޖިޓަލް ޖަރނަލިޒަމް، ފޭކް ނިއުސް އަދި ފެކްޓް ޗެކްކުރުމުގެ އުކުޅުތައް، ކްރިޓިކަލް ތިންކިންގ ކުޅޭ ދައުރު އަދި ނޫސްވެރިންގެ ޕްރޮފެޝަނަލް ހުނަރު ތަރައްޤީކުރުމުގ ތަމްރީންތައް ހިމެނެއެވެ.
މީގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށް ޒިޔާރަތްކުރުމާއި، ސަރުކާރުގެެ އެކި އިސް މުއައްސާތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ އެޑިޓަރުންނާއި ނޫސްވެރިންނާ ބައްދަލުކޮށް މަޢުލޫމާތާއި ތަޖުރިބާ ހޯދާނެއެވެ.
މި ދަތުރުގެ ބައިވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫރްދާޝަން ކެންދުރާ، ނެޝަނަލް ކެޕިޓަލް ރީޖަންއަށް ޒިޔާރަތްކުރާނެއެވެ.
މިއީ، ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބުނު ފުރުޞަތެކެވެ. މި ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިސް މީޑިއާ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއުއެވެ. އަދި ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވސް މީޑިއާ ކައުންސިލްގެ މެންބަރް މުޢިއްޒުު އިބްރާހީމްއެވެ.