ޚަބަރު

މިނިވަން ދުވަހާ ދިމާކޮށް ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއް ރާވަނީ: ޒެލެންސްކީ


ކުރީގެ ރޫސީވިލާތުގެ އަތްދަށުން މިނިވަން ކަން ލިބުނުތާ 31 އަހަރު ފުރުން ފާހަގަ ކުރުމަށް ޔޫކްރެއިންގައި ބާއްވާ މިނިވަން ދުވަހުގެ އިޙުތިފާލުތަކާ ދިމާކޮށް، ރަޝިޔާއިން އެ ޤައުމަށް ވަރުގަދަ ހަމަލާތަކެއް ދޭން ރާވަމުންދާ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ތުހުމަތު ކުރައްވައިފިއެވެ. ޔޫކްރެއިންގެ މިނިވަން ދުވަސް ފާހަގަ ކުރަނީ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.

ރަޝިޔާއިން އެ ޤައުމަށް އަރައި ފެށި ހަނގުރާމައަށް ވެސް އެ ދުވަހު ހަ މަސް ފުރޭނެއެވެ. "މިނިވަން ދުވަހާ ދިމާކޮށް ރަޝިޔާއިން ހަޑިމުޑުދާރު އަމަލުތަކެއް ހިންގައި، ނުރައްކާތެރި ހަމަލާތަކެއް ދީފާނެ ކަމަށް ވިސްނައިގެން ތިބޭތި،" މި ކަމާ ގުޅޭ ގޮތުން ޔޫކްރެއިނުގެ ރައްޔިތުންނަށް އިންޒާރު ދެއްވަމުން ޒެލެންސްކީ ވިދާޅުވިއެވެ.

މި އިންޒާރާ ގުޅިގެން ޔޫކްރެއިންގެ ދެ ވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ޚާކީވުގައި އިޢުލާނު ކޮށްފައިވާ ކަރފިއުގެ ވަގުތު އިތުރު ކުރަން ވަނީ ނިންމާފައެވެ. އެ ރަށުގައި މިހާރު ދަނީ ރޭގަނޑު 10 އަކުން ފަތިހު 6 އަށް ކަރފިޔު ހިންގަމުންނެވެ. ނަމަވެސް، އޮގަސްޓު 24 ވަނަ ދުވަހު 24 ގަޑިއިރަށް ކަރފިޔު އިތުރު ކުރާނެ ކަމަށް އެ ރަށުގެ ރީޖަނަލް ގަވަރުނަރު އޮލޭ ސިނެހުބް ވިދާޅުވިއެވެ.

އޮގަސްޓު 20 ވަނަ ދުވަހު ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިނުގެ ދެކުނުގައިވާ މިކޮލިއެފްގެ ރަށެއް ކަމުގައިވާ ވޮޒްނެސެންސްކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް އަރާފައި ވަނީ، އެ ރަށުގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕިވްދެނޫކްރެއިންސްކް ޕްލާންޓް ކައިރީގައި ހުންނަ ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށެވެ. މި ހަމަލާގައި ޢާންމުންގެ 14 މީހުން ޒަޚަމްވި ކަމަށް ޔޫކްރެއިނުން ބުނެއެވެ. މީގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.

މި ހަމަލާގައި ޢާންމުން ދިރިއުޅޭ ގެތަކެއްގެ އިތުރުން ފަސް ބުރީގެ ޢިމާރާތަކަށް ވަނީ ގެއްލުންވެފައެވެ. ޔޫކްރެއިނުން ސިފަ ކުރަނީ، މިއީ "ނިއުކްލިޔަރ ޓެރެރިޒަމް"ގެ އަމަލެއްގެ ގޮތުގައެވެ. "މި ހަމަލާއަކީ ޕިވްދެނޫކްރެއިންސްކް ޕްލާންޓަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމުގައި ބެލެވޭ. މާރިޗު މަހުން ފެށިގެން ރަޝިޔާ ސިފައިން ދަނީ އެ ތަން ހިފުމަށް މަސައްކަތް ކުރަމުން،" ޔޫކްރެއިނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މައި ކުންފުނި ކަމުގައިވާ އެނަރޖޯއެޓަމްއިން ބުންޏެވެ.

ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓު ކައިރިއަށް ވެސް ހަމަލާތަކެއް އަމާޒުވެފައިވެއެވެ. ނަމަވެސް، އެއްވެސް ޤައުމަކުން މި ހަމަލާތަކުގައި ޒިންމާ އުފުލާފައެއް ނުވެއެވެ. ނިއުކްލިޔަރ ޕްލާންޓުތައް ހުންނަ ސަރަޙައްދުތަކަށް ދެމުންދާ މިފަދަ ހަމަލާތައް އިތުރުވުމާ ގުޅިގެން، ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ.

2014 ވަނަ އަހަރު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ކްރައިމިޔާ ޕެނިންސިޔުލާގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒުތަކެއްގައި ވެސް ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވަނީ ހާދިސާތަކެއް ހިނގާފައެވެ. ބާރުގަދަ ގޮވުންތަކެއްގެ ސަބަބުން އަސްކަރީ މަރުކަޒުތަކުގައި ރޯވެ، އަލިފާނުގެ ހާދިސާތައް ހިނގާފައި ވާއިރު، މިއީ ޔޫކްރެއިނުގެ ހަމަލާތަކަކާ ގުޅިގެން ހިނގާފައިވާ ހާދިސާތަކެއް ކަމުގައި ބެލެވެއެވެ. ނަމަވެސް، އެ ޤައުމުން އެއްވެސް ހަމަލާއެއް ދީފައިވާ ކަމުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

ހަނގުރާމައިގައި ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ ހުއްދަ ދިނުމަށް ރަޝިޔާއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައި.އޭ.އީ.އޭ)ގެ ޓީމުތައް އެ ތަނަށް ދަތުރު ކުރުމާ ގުޅޭ މަޝްވަރާތަކަށް އިތުރު ކުރިއެރުންތަކެއް ލިބިފައެއް ނެތެވެ. ޔޫކްރެއިނުން ވަނީ، އެ ޕްލާންޓުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިން އެ ތަން ދޫކޮށް ދިޔުމަށް ބާރު އެޅުމަށް އ.ދ.އާއި ބައިނަލްއަޤްވާމީ އިދާރާތަކަށް ގޮވައިލާފައެވެ.