ޚަބަރު

އެމެރިކާގައި އީ.ކޮލައި ފެތުރޭތީ ސަމާލުވާން އެދިއްޖެ


އެމެރިކާގެ ހަތަރު ސްޓޭޓެއްގައި ނުރައްކާތެރި ޖަރާސީމެއް ކަމުގައިވާ އީ.ކޮލައި ފެތުރެމުންދާތީ، އެކަން ތަހުޤީޤު ކުރަމުންދާ ކަމުގައި ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)ން ބުނެފިއެވެ. މިހާތަނަށް 37 މީހަކަށް މި ޖަރާސީމު ޖެހިފައިވާއިރު 10 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދީފައިވެއެވެ.

ޖަރާސީމުގެ ސަބަބުން ބަލިވެފައި ވަނީ ރެސްޓޯރެންޓް ޗެއިންއެއް ކަމުގައިވާ ވެންޑީސްއިން ކައިބޮއި ހެދި ބަޔެއް ކަމުގައި ވާތީ، އެ ރެސްޓޯރެންޓުގައި ވިއްކާ އެއްވެސް ކާނާއެއްގައި ޖަރާސީމުގެ އަސަރު ހުރިތޯ ބެލުމަށް ސީ.ޑީ.ސީ.އިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެ މީހުން ބަލިވީ މިޝިގަން، އޮހާޔޯ، އިންޑިޔާނާ އަދި ޕެންސިލްވޭނިޔާގައި ހުރި ވެންޑީސްގެ ރެސްޓޯރެންޓްތަކުން ސޭންޑްވިޗް ކެއި ފަހުން ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ސީ.ޑީ.ސީ.އިން ބުނެއެވެ.

އީ.ކޮލައި ޖަރާސީމު ފެތުރިފައި ވަނީ އެ ރެސްޓޯރެންޓްތަކުގައި ސޭންޑްވިޗް ހެދުމަށް ބޭނުން ކޮށްފައިވާ ރޮމެއިން ލެޓުސް ފަތުން ކަމުގައި ބެލެވެއެވެ. ނަމަވެސް، އެ ކަން އަދި ކަށަވަރު ނުކުރެވޭ ކަމަށާއި، ވެންޑީސްއިން އެހެން ވިޔަފާރިތަކަށް ސޭންޑްވިޗް ވިއްކާފައިވޭތޯ ބެލުމަށް ވެސް މިހާރު މަސައްކަތް ކުރަމުންދާ ކަމުގައި ސީ.ޑީ.ސީ.އިން ބުނެއެވެ.
މި ކަމާ ގުޅިގެން ވެންޑީސްއިން ވަނީ އެ ކުންފުނީގެ ރެސްޓޯރެންޓްތަކުގައި ސޭންޑްވިޗް ހެދުމަށް ލެޓުސް ފަތް ބޭނުން ކުރުން ހުއްޓައިލާފައެވެ. ޖަރާސީމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓުކުރަން ޖެހުނު 10 މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށާއި، އެ ތިން މީހުންނަށް ވެސް ކިޑްނީ ބައްޔެއް ޖެހިފައިވާ ކަމަށް ސީ.ޑީ.ސީ.އިން ބުނެއެވެ.

އީ.ކޮލައި އަކީ ދުޅަހެޔޮ އިންސާނުންނާއި ބައެއް ޖަނަވާރުތަކުގެ ހަށިގަނޑުގައި ދިރިއުޅޭ ޖަރާސީމެކެވެ. މި ޖަރާސީމުގެ ގިނަ ވައްތަރުތަކަކީ އިންސާނުންނަށް ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް، ޖަރާސީމުގެ ބައެއް ވައްތަރުތަކުގެ ސަބަބުން ބޭރަށް ހިންގުމާއި، ބަނޑުގައި ރިހުމުގެ އިތުރުން ހޮޑުލުން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ.