ކުރީ ސަރުކާރުގެ 5 އަހަރުގައި އުފައްދާފައިވަނީ 17 ހާހެއްހާ ވަޒީފާކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިހާތަނަށް 18 ހާހަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ސަރުކާރުން ޒުވާނުންނަށް ފަހިކޮށްދެމުންދާ އެކިއެކި ފުރުޞަތުތަކާއި ގުޅޭގޮތުން އެމް.ޑީ.ޕީ ކޮންގްރެސްގައި "އުފެއްދުންތެރި ޒުވާނުން" މިމަޢުޟޫއަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޒުވާނުންނަށް ފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކާއި ގުޅޭގޮތުން މަހްލޫފް ވިދާޅުވީ މި ސަރުކާރުން މިއަދާއި ހަމައަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހޯދައިދީފައިވާކަމަށާއި، އެޕްރެންޓެންޝިޕް ޕްރޮގްރާމްގެ ދަށުން ދެވުނު ތަމްރީނާއެކު ވަޒީފާގެ ބާޒާރަށް ގިނަ އަދަދެއްގެ ޒުވާނުން ނިކުމެފައިވާކަމަށެވެ.
ތަފާސް ހިސާބުތަކަށް ބައްލަވާލައްވަމުން މަހްލޫފް ވިދާޅުވީ ރައީސް ޔާމީންގެ 5 އަހަރުގެ ތެރޭގައި އުފައްދާފައިވަނީ 17847 ވަޒީފާކަމަށެވެ. ނަމަވެސް މި ސަރުކާރުން މިދިޔަ 4 އަހަރު ތެރޭގައި 18634 ވަޒީފާ އުފައްދާފައިވާކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމްތަކުގައި 14930 ކުދިން ކިޔަވަމުންދާކަމަށާއި އޭގެތެރެއިން މިހާރު 5113 ކުދިން ކިޔެވުން ނިންމާ ވަޒީފާއަދާކުރަމުންދާކަމަށެވެ.
ނެޝަނަލް އެޕްރެންޓެންޝިޕް ޕްރޮގްރާމްގެ ދަށުން ޔޫތު މިނިސްޓްރީއާއި އެޗް. ޑީ.ސީ އާއި ގުޅިގެން 100 ޕްރޮގްރާމް ހިންގަމުންދާކަމަށާއި އޭގެތެރޭގައި 1500 ކުދިން ތަޢުލީމާ ތަމްރީނު ހޯދަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމްތަކުގެ ތެރެއިން 2021 ވަނަ އަހަރުވެސް 49 ކުދިން ތަމްރީނުތައް ނިންމާ، 30 ކުދިންނަށް ވަޒީފާ ހަމަޖެހިގެންދިޔަކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވެއެވެ.
މަހްލޫފް ވިދާޅުވީ މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ހުނަރު ތަރައްޤީކުރުމަށް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމްތަކުގެ ތެރެއިން ރަށްރަށުން ދަޢުވަތުދީގެން 5 ރަށެއްގައި 5 މަހާސިންތާއެއް ބޭއްވިފައިވާކަމަށެވެ. އަދި މި މަހާސިންތާތަކުގައި ޖުމްލަ 187 ޖަމިއްޔާއަކުން ބައިވެރިވެފައިވާކަމަށެވެ. މީގެ އިތުރުންވެސް މަދަނީ ޖަމިއްޔާތަކަށް ބޭނުންވާ ޓެކްނިކަލް އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރުން ފަންޑުކުރާގޮތަށް "ގްރާންޓް ޕްރޮގްރާމް" ތައް ތަޢާރަފްކޮށްދީފައިވާކަންވެސް މިނިސްޓަރ ފާހަގަުރެއްވިއެވެ.
ޔޫތު މިނިސްޓްރީއާއެކު އެހެނިހެން މިނިސްޓްރީތަކުގެ އެއްބާރުލުން ލިބިގެން، ޒުވާނުން ބާރުވެރިކުރުމަށް ހާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވިފައިވާކަންވެސް މިނިސްޓަރ މަހްލޫފް ފާހަގަކުރެއްވިއެވެ. އެގޮތުން ހަފްތާރެސް ޕްރޮގްރާމްގެ ތެރެއިން 3005 ކުދިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާއިރު ލައިފް ސްކިލް ޕްރޮގްރާމްތަކުގެ ތެރެއިން 1200 ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދެވުނުކަން މިނިސްޓަރ ވިދާޅުވިއެވެ. އަދި ލާމަސީލު ޒުވާނާ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްތަކުގައި ޖުމްލަ 7000 ޒުވާނުން ބައިވެރިވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހަކީ މީގެކުރިން ދުވަހަކުވެސް ކުޅިވަރާއި ޒުވާނުންގެ ދާއިރާއަށް ބަލާއިރު އެހެން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މަސައްކަތް ކޮށްފައި އޮތް އަހަރުތަކެއްކަމަށެެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ހަމަ އެގޮތުގައިކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ.