ސިޔާސީ

ޢަދުލުގެ އަދަބު ބަލައިނުގަތުން ޤަބޫލެއް ނުކުރެވޭނެ


ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ތެރެއިން އަދަބުދެވޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމަކީ ޤަބޫލުކުރެއްވޭނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ޤާނޫނު އަސާސީގައި ބުނާ އަހަރީ ރިޔާސީ ބަޔާންގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަންދޭ އެއްކަންތައް ކަމަށެވެ.  ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާއި، މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން މިހާރު އެކުލަވައިލައްވާފައިވާ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ވޭތުވެދިޔަ އަހަރު ގިނަ ލަނޑުދަނޑިތަކެއްވަނީ ޙާޞިލު ކުރެވިފައެވެ. ޢަދުލު އިންޞާފުގެ ދާއިރާއަކީ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޤަދަރު ލިބިފައި އޮތް ދާއިރާއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށް ކުރެވެން ހުރި ކަންތައްތައް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ޔައީސް ޔާމީން ވިދާޅުވިއެވެ. އަދި ޢަދުލު އިންޞާފު ޤާއިމު ކުރެވޭނީ އެންމެންނާމެދުވެސް ހަމަހަމަކަމާއެކު، އެއް އުސޫލަކުން ޢަމަލުކޮށްގެންކަން ރައީސް ފާހަގަކުރެއްވިއެވެ. ޝަރުޢީ ކޯޓަކުން ކުރައްވާފައިވާ ޙުކުމެއް، ކޯޓްގެ އަމުރާ އެއްގޮތަށް ސަރުކާރުން ތަންފީޒުކުރައްވާ މައްސަލައަކަށް އިޝާރާތްކުރައްވައި، ރައީސް ޔާމީން ވިދާޅުވީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކަމަށް އަދަބުދޭތީ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެކަންކަން އެގޮތަށް ހިންގުމަކީ، ޤާނޫނުގެ ވެރިކަން ބަލިކަށިވެ، މުޖުތަމަޢުގެ އިންތައް ހަލާކުވެގެންދާނެ ކަމެކެވެ. އެކަހަލަ ކަންކަން ހިންގުމަކީ، ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ބަޔާންކުރެއްވިއެވެ. އަދި އެކަމަކީ ރާއްޖޭގައި، ޤާނޫނުގެ ބޭރުން އަދި ކޯޓުތަކުގެ އަމުރާ ޚިލާފަށް މީހުން ހިފައި ހައްޔަރުކުރީމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމެއްކަމަށް ރައީސް އިޝާރާތްކުރައްވާފައިވެއެވެ.