ކުޅިވަރު

ބޯންމަތު ބަލިކޮށް އާސެނަލް އެއްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމަތު ބަލިކޮށް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ.

ބޯންމަތުގެ ދަނޑުގައި ކުޅުނު މި މެޗް އާސެނަލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއެވެ. މިމެޗްގައި އާސެނަލްގެ ފެށުން ވަރަށް ރަނގަޅެވެ. މިގޮތުން މެޗްގެ ފަސްވަނަ މިނެޓްގައި އާސެނަލްއިން ވަނީ މެޗްގެ ލިޑު ނަގަފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކެޕްޓަން މާޓިން އެޑެގާޑްއެެވެ. އަދި ދެވަނަ ލަނޑު އޭގެ ހަމިނެޓްފަހުން ޖަހާ މެޗްގައި އާސެނަލަށް ދެލަނޑުގެ ލީޑެއް ނަގާދިނީވެސް އޮޑެގާޑްއެވެ.

މިދެލަނޑާއެކު އާސެނަލްއިން ހަމަޖެހިލިއިރު ބޯންމޯތުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. މިމެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ މިސީޒަންގައި އާސެނަލްއާ އަލަށް ގުޅި މޮޅު ކުޅުމެއް ދައްކަމުންދާ ވިލިއަމް ސަލީބާއެވެ. މިމެޗްގައި އާސެނަލްގެ ބްރެޒިލް ފޯވަޑް ގެބްރިއެލް ޖޭސުސްލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެލަނޑުވަނީ އޮފްސައިޑްކަމަށް ދައްކާފައެވެ.

މިކާމިޔާބީއާއެކު އާސެނަލް މިވަނީ އެޓީމް ކުޅުނު ފުރަތަމަ ތިން މެޗްވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރާފައެވެ. މިއީ 2004-2005 ވަނަ ސީޒަނަށްފަހު އެޓީމް ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިތިން މެޗްގައިވެސް އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ އަރުވާފައިވަނީ އެއް ކުޅުންތެރިންތަކެކެވެ. އަދި މިއީ އާސެނަލްއިން އެންމެފަހުން ލީގު ކާމިޔާބުކުރި 2003-2004 ވަނަ ސީޒަނަށްފަހު ފުރަތަމަ ތިން މެޗްގައި އެކްލަބުން އެއް ކުޅުންތެރިންތަކެއް ބޭނުންކުރި ފުރަތަމަ ފަހަރުވެސްމެއެވެ. މިމެޗުން ބަލިވުމުން ބޯންމޯތު މިހާރު އުޅެނީ ތިން މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.