ޚަބަރު

ސޯމާލިޔާގެ ހޮޓަލަކަށް ހަމަލާދީ 12 މީހުން މަރާލައިފި


ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގެ ހޮޓަލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، އެ ތަނުގައި ތިބި މީހުން ރަހީނުކޮށް، އޭގެ ތެރެއިން 12 މީހުން މަރައިލައިފިއެވެ. މޮގަދިޝޫގައި ހުންނަ ހަޔާތު ހޮޓާ ހިފާފައި ވަނީ އަލްޝަބާބް ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށް ސޮމާލިޔާގެ ޖާސޫސީ އިދާރާއިން ބުނެއެވެ. އަދި ވެސް ހޮޓަލުގައި ހަތިޔާރު މީހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އަލްޝަބާބަކީ އަލްޤައިދާއަށް ވާގިވެރިވާ ހަނގުރާމަވެރިންގެ ޖަމާޢަތެކެވެ. ހަޔާތު ހޮޓަލަށް ހަމަލާ ދިނުމުގެ ކުރިން އެ މީހުން ވަނީ، ހޮޓަލުގެ ކުރިމަތީގައި ދެ ކާރުބޮން ގޮއްވައިލާފައެވެ. އަދި، އެއަށްފަހު ހަތިޔާރާ އެކު ހޮޓަލުގެ ތެރެއަށް ވަދެ، އެ ތަނުގައި ތިބި މީހުން ރަހީނު ކޮށްފައެވެ.

"މިހާތަނަށް 12 މީހުން މަރައިލާފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައި. އޭގެ ތެރޭގައި ގިނައީ ޢާންމުން. ރަހީނު ކޮށްފައިވާ މީހުން ސަލާމަތް ކުރުމަށް މި ދަނީ މަސައްކަތް ކުރަމުން،" ސޮމާލިޔާގެ ޖަސޫސީ އިދާރާގެ އިސް އޮފިޝަލަކު ބުންޏެވެ.

ހަޔާތު ހޮޓަލަކީ، ސޮމާލިޔާގެ ޤާނޫނު ހަދާ މަޖިލީހާއި ސަރުކާރުގެ އިސް އޮފިޝަލުން ގިނައިން ބޭނުން ކުރާ ތަނެކެވެ. މި ހާދިސާގައި ދައުލަތުގެ އެއްވެސް އޮފިޝަލެއް މަރުވެފައިވާ ކަން، ނުވަތަ ރަހީނު ކޮށްފައިވާ ކަން، އަދި ކަށަވަރު ވެފައެއް ނުވެއެވެ. މި ހަމަލާގައި ހޮޓަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

މިއީ، ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދޫ މޭ މަހުގެ ތެރޭގައި އެ ޤައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެ ޤައުމުގައި ދީފައިވާ މި ފަދަ އެންމެ ބޮޑު، އަދި އެންމެ ނުރައްކާތެރި ހަމަލާއެވެ. ސޮމާލިޔާގެ ސަރުކާރު ވައްޓައިލުމަށް އަލްޝަބާބް ޖަމާޢަތުގެ ހަނގުރާމަވެރިން މަސައްކަތް ކުރަމުންދާތާ މިއީ 10 ވަނަ އަހަރެވެ.