ކުޅިވަރު

މެސީ ކެރިއަރުގައި 500 ލަނޑު ހަމަކޮށްފި


ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލަޔަނަލް މެސީ ކެރިއަރުގެ 500 ވަނަ ލަނޑު ހަމަކޮށްފިއެވެ. މެސީ 500 ވަނަ ލަނޑު ހަމަކުރީ ކޮޕަޑެލްރޭ ސެމީފައިނަލް ފުރަތަމަ ލެގުގައި ރޭ 7-0 ގެ ބޮޑު ތަފާތަކުން ވެލެންސިޔާގެ މައްޗަށް ކުރި ހޯދި މެޗުގައި ހެދި ހެޓްރިކާއެކުގައެވެ.ބާސާގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ޖެހި 7 ލަނޑުގެ ތެރެއިން 3 ލަނޑު މެސީ ޖެހިއިރު، އަނެއް 4 ލަނޑު ޖެހީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒެވެ. ފުރަތަމަ ދެ ލަނޑު ޖެހީ ސުއަރޭޒްއެވެ. އޭނާ ފުރަތަމަ ދެ ލަނޑު ޖެހީ މެޗުގެ ފުރަތަމަ 12 މިނިޓްގެ ތެރޭގައެވެ. މެސީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖެހީ ނޭމަރއާއި އިނިއެސްޓާގެ އެހީތެރިކަމާއެކުގައެވެ. މެސީ ފުރަތަމަ ލަނޑު ޖެހީ 29 ވަނަ މިނިޓްގައެވެ. ފުރަތަމަ ހާފް ނިމުނީ 3-0 ން ބާސާ ކުރީގައި އޮވެގެންނެވެ.ވެލެންސިޔާއަށް އިތުރު މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ޑިފެންޑަރ މުސްތާފީއަށް ރަތްކާޑް ދެއްކުމުންނެވެ. އެއީ ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ މެސީއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ނަމަވެސް މެޗުގައި ނޭމަރ އަތުން ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ. މެސީ ކެރިއަރުގެ 500 ވަނަ ލަނޑު ހަމަކޮށް، މެޗުގެ ހެޓްރިކް ފުރަިަހަމަ ކުރީ ދެވަނަ ހާފްގައެވެ. އަދި ސުއަރޭޒްގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މިނަތީޖާއާއެކު އެއް ލެގުންވެސް ބާސާއަށް ވަނީ ފައިނަލްގެ ޖާގަ ގާތްނޑަކަށް ކަށަވަރުވެފައެވެ.މިއީ ވިދިވިދިގެން ބާސާ މޮޅުވި 9 ވަނަ މެޗެވެ. ބާސާ އެންމެފަހުން ބަލިވެފައިވަނީ އޮކްޓޯބަރު މަހު ސެވިއްޔާ އަތުންނެވެ. ބާސާ ވަނީ ބަލިނުވެ 27 މެޗު ފުރިހަމަކޮށްފައެވެ. އަދި ސީޒަންގެ މިހާތަނަށް 100 އަށްވުރެ ގިނަ ގޯލް ޖަހާފައެވެ.ވެލެންސިޔާ ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް މޮޅުވެފައެއްނުވެއެވެ. މިނަތީޖާއަކީ ޑިސެމްބަރު މަހު ވެލެންސިޔާއާއި ހަވާލުވި އިންގްލެންޑާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރ ގެރީ ނެވިލްއަށް ހިތްދަތި ޕްރެޝަރ ބޮޑު ނަތީޖާއެކެވެ.