ކުޅިވަރުގައި ދިވެހިރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކާމެދު ކޮމަންވެލްތު ފަދަ ޖަމިއްޔާތަކުން ފަޚުރުވެރިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކޮންގްރެސްގައި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ، މިދިޔަ މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ނިމުނު ކޮމަންވެލްތު ގޭމްސްގެ ސްޕޯޓްސް މިނިސްޓާސް މީޓިންގައި ބައިވެރިވި ކަމަށާއި، އެ މީޓިންގެ ތެރެއިން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕްޓްރީޝިއާ ސްކޮޓްލެންޑް ވަކިން ވަޑައިގެން، ރާއްޖެއިން ކުޅިވަރުގައި ހޯދާމުން އަންނަ ކާމިޔާބީތަކުގެ ވާހަކަ ފާހަގަ ކުރެއްވި ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަ ކުޅިވަރު ކުޅުމަށް ފުރުސަތުތައް ފަހިކޮށްދެވިފައި ނުވާ ކަމަށެވެ. އެކަމަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އާއި ޕެރަލިމްޕިކް މޯލްޑިވްސް އުފައްދައި ނުކުޅެދުންތެރިކަމާއި ހާއްސައެހީ ބޭނުންވާ ކުދިންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ވާނީ ފަހިކޮށްދެއްވާފައި ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މަޚްލޫފް ވިދާޅުވީ، ސަރުކާރުން ހިންގި ޕްރޮޖެކްޓުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ޕްރޮޖެކްޓު ހިންގާފައިވާނީ ކުޅިވަރާއި ބެހޭ ވުޒާރާއިން ކަމަށެވެ.
މަޚްލޫފް ވިދާޅުވީ، މީގެ ކުރިން ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް އެޅިފައިނުވާ ކަމަށާއި، އެކަމަކު މި ސަރުކާރުން މިހާތަނަށް 10 ރަށެއްގައި ފެންވަރު ރަނގަޅު ވޮލީކޯޓު އަޅާފައިވާނެ ކަމަށެވެ. އަދި 30 އަށްވުރެ ގިނަ ވޮލީ ކޯޓުގެ މަސައްކަތް ކުރެވެމުންދާކަން މަޚްލޫފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިންޑޯ ތިން ވޮލީ ކޯޓެއްގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.
ބެޑްމިންޓަން ވެސް 11 ރަށެއްގައި ކޯޓު އެޅިފައިވާނެ ކަމަށާއި، ހަ ރަށެއްގައި ސްވިމިންގ ޓްރެކް ހަދާފައިވާނެ ކަމަށާއި، 50 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ، ބޮޑު ފުޓުބޯޅަ ދަނޑު އަޅާފައިވާ އެއްވެސް ސަރުކާރެއް ނޯންނާނެ ކަމަށާއި އެކަމަކު މި ސަރުކާރުން 38 ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައިވާނެ ކަމަށާއި އަދި 80 އަށްވުރެ ގިނަ ރަށުގައި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ކުޅިވަރުގެ އިންފްރާސްޓަކްޗަރ ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މީގެ އިތުރުން ރާއްޖޭގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތައް ބޭއްވުންވެސް އެއީ ސަރުކާރުގެ އަމާޒެކެވެ.