ޚަބަރު

ހަތަރު އަހަރު ތެރޭގައި ތަޢުލީމީ ދާއިރާއަށް 1316.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: މިނިސްޓަރ


މިވީ ހަތަރު އަހަރު ތެރޭގައި ތަޢުލީމީ ދާއިރާގައި ހިންގި މަޝްރޫޢުތަކަށް 1316.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކޮންގްރެސްގައި މެމްބަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރުވަން އެންމެ ބޮޑު ޚަރަދެއް ކުރި ސަރުކާރަކީ މި ސަރުކާރު ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ތައުލީމީ ދާއިރާއަށް ހިންގި މަޝްރޫއުތަކަށްވުރެ މި ސަރުކާރުން ހިންގި މަޝްރޫއުތައް އެތައް ގުނައެއް އިތުރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"2014 އިން 2018 އަށް މުޅިއެކު މަސައްކަތް ފުރިހަމަ ކުރެވުނީ 135 ކްލާސްރޫމް. މިވީ 4 އަހަރުތެރޭ 1288 ކްލާސްރޫމްގެ މަސައްކަތް އެބަ ހިންގާ. މިދިޔަ ދައުރުގަ އެޅުނީ 15 މަލްޓިޕާޕަސް ހޯލް. އަޅުގަނޑުމެން 81 މަލްޓިޕާޕަސް ހޯލެއް އެބަ ކުރިއަށް ގެންދަން. މިދިޔަ ދައުރުގަ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގަ 64 މަޝްރޫއެއް ކުރިއަށްގެންދިޔަ އެހެންނަމަވެސް މިދައުރުގަ 338 މަޝްރޫއެއް އެބަ ކުރިއަށް ގެންދަން" އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލްތައް އެއް ދަންފަޅިއަށް ހެދުމުގެ ވައުދު ފުއްދުމަށްޓަކައި މިސަރުކާރުން މުޅިއެކު 216 މަޝްރޫޢެއް ބަޖެޓުކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން 44 މަޝްރޫޢު މިހާރު ނިމި އެ އިމާރާތްތައް ބޭނުންކުރަން ފަށާފައިވާކަމަށާއި 89 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާއިރު 11 މަޝްރޫޢެއްގެ މަސައްކަތް މިހާރު އެވޯޑް ކުރެވިފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތަޢުލީމީ ދާއިރާގައި 2014 އިން 2018 އަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް ޖުމްލަ ޚަރަދުކޮށްފައި ވަނީ 941.6 މިލިއަން ރުފިޔާ. އެހެންނަމަވެސް މި ސަރުކާރުން މިވީ ހަތަރު އަހަރު ތެރޭގައި 1316.9 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައި" އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލްތައް އެއްދަންފަޅިއަށް ހެދުމުގެ ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން 44 މަޝްރޫޢެއް ނިމި މިހާރު ބޭނުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރު 216 ސްކޫލްތަކުގެ ތެރެއިން 155 ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައްކަމަށާއި ކާށިދޫގައި ހަދަމުން އަންނަ ކްލާސްރޫމް އިމާރާތް އަންނަ ހަފްތާގައި ބޭނުންކުރަން ފެށުމުން މި އަދަދު 156 ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ސެޝަންތަކުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާއާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސްވަނީ އެވުޒާރާތަކުން ކުރައްވަމުންދާ އަދި ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުތައް ބައިވެރިންނާ ހިއްސާ ކުރައްވާފައެވެ. އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކާއި، ނިޒާމީ ޤަރާރާއި ގުޅޭގޮތުން ބަހުސްކޮށް ގޮތް ނިންމުން އޮތީ މާދަމައެވެ.