ޚަބަރު

ޖީ20 ސަމިޓުގައި ޝީއާއި ޕުޓިން ބައިވެރިވެ ވަޑައިގަންނަވާނެ


އިންޑޮނީޝިޔާގެ ބާލީގައި އަންނަ ނޮވެންބަރު މަހު ބާއްވާ ޖީ20ގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ކަން އިޢުލާނު ކުރައްވާފައި ވަނީ އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިދޯދޯއެވެ.

ނޮވެންބަރުގައި ބާއްވާ ޖީ20ގެ ބައްދަލުވުމަކީ، ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަން ފެށުނު ފަހުން ދުނިޔޭގެ އިސްވެރިންގެ މެދުގައި ބާއްވާ މި ފަދަ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި، މި ބައްދަލުވުމުގައި ޕުޓިންއާއި ޝީ ބައިވެރިވެ ވަޑައިގަންނަވާނެ ކަން އިޢުލާނު ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ތައިވާނާއި ޔޫކްރެއިންގެ މައްސަލައިގައި ޗައިނާއާއި ރަޝިޔާއާ މެދު ކޯޅުންގަނޑު އެންމެ ބޮޑުވެފައި ވަނީ އެމެރިކާއާ ދެމެދުގައެވެ. ޖީ20ގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، އެ ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމަކަށް ވާނެއެވެ. ނަމަވެސް، ބައްދަލުވުމުގެ ހަވާސާގައި ބައިޑަންއާއި ޕުޓިން ބައްދަލު ކުރައްވާނެ ކަން އަދި ސާފެއް ނޫނެވެ. ނަމަވެސް، ބައިޑަންއާއި ޝީގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ބެލެވެއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ދެބަސްވުންތައް އުފެދިފައި ވަނީ އިންސާނީ ހައްޤުތަކާއި ވިޔަފާރިއާ ގުޅޭ މައްސަލަތަކުގައެވެ. އަދި، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ.

ރަޝިޔާއާއި އެމެރިކާއާ ދެމެދު މިހާރު އުފެދިފައި އޮތް އެންމެ ބޮޑު މައްސަލައަކީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައެވެ. މި ހަނގުރާމައިގައި، އެމެރިކާއިން ދަނީ ޔޫކްރެއިނުގެ ސިފައިންނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، އެ ޤައުމަށް ވާގިވެރިވަމުންނެވެ. ޖީ20ގެ ބައްދަލުވުމަށް ޕުޓިންއަށް ފޮނުވާފައިވާ ދައުވަތު އަނބުރާ ގެންދިޔުމަށް އެމެރިކާއިން ވަނީ އިންޑޮނީޝީޔާއަށް ގޮވައިލާފައެވެ. ނަމަވެސް، އެ ޤައުމުން ވަނީ، އެހެން ޤައުމުތަކުގެ މެދުގައި ޞުލްޙަ ކުރަން މަސައްކަތް ކުރުމުގެ ގޮތުން ޕުޓިންއަށް ފޮނުވި ދައުވަތު އަނބުރާ ނުގެނައުމަށް ނިންމާފައެވެ.