ޚަބަރު

ޗައިނާގައި މަސްމަހާމެހި ވެސް ކޮވިޑަށް ޓެސްޓު ކުރަނީ


ޗައިނާގެ އިރުދެކުނުގައިވާ ރަށެއް ކަމުގައިވާ ޝިއަމެންގެ 5 މިލިޔަން މީހުންގެ އާބާދީ ކޮވިޑް-19އަށް ޓެސްޓު ކުރުމަށް އަމުރު ކޮށްފިއެވެ. ފުޖިއާން ޕުރޮވިންސުގެ އައްސޭރިފަށުގައި އޮންނަ ޝިއަމެންގެ އާބާދީ ކޮވިޑަށް ޓެސްޓު ހެދުމަށް އަންގާފައި މި ވަނީ އެ ރަށުން ބަލީގެ 40 ކޭސް ފެނުމާ ގުޅިގެންނެވެ.

ނަމަވެސް، އަމުރުގައި އަންގާފައި ވަނީ ހަމައެކަނި އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ޓެސްޓު ކުރުމަށް އެކަންޏެއް ނޫނެވެ. އެ ރަށުގެ މަސްމާރުކޭޓުތަކުގައި ވިއްކަން ހުރި މަސްމަހާމެއްސާއި ކަނޑުގެ އެހެން ދިރުންތައް ވެސް ޓެސްޓު ކުރުމަށް ވަނީ އަންގާފައެވެ.

މި އަމުރުގެ ދަށުން، މަސްވެރިން ރަށަށް ލެފުމުން، އެ މީހުންގެ އިތުރުން އެ މީހުން ބާނައިގެން ގެނައި މަސްކޮޅުގެ ތެރެއިން ވެސް ހޮވައިލެވޭ ބައެއް ތަކެތި ކޮވިޑަށް ޓެސްޓު ކުރެވޭނެއެވެ. ކޮވިޑް ޓެސްޓު ހެދުމަށް މަސްތަކުގެ ސާމްޕަލް ނަގާ މަންޒަރު ފެންނަ ވީޑިޔޯތަކެއް ޗައިނާގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ވަނީ ވައިރަލްވެފައެވެ. މަހުގެ އިތުރުން ކަކުނީގެ ސާމްޕަލް ނަގާ މަންޒަރު ވެސް ވީޑިޔޯތަކުން ފެނިގެންދެއެވެ.

މިއީ އާދަޔާޚިލާފު ކަމެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ ޗައިނާގައި ޕީ.ސީ.އާރް. ޓެސްޓު ހެދުމަށް ދިރޭތަކެތިން ސާމްޕަލް ނަގާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޗައިނާގެ ދެކުނުގައިވާ ހައިނާން ޕުރޮވިންސުގައި ވެސް މި ގޮތަށް މަސްމަހާމެއްސާއި އެހެނިހެން ޖަނަވާރުތަކުން ސާމްޕަލް ނަގައިގެން ޓެސްޓު ހަދައެވެ. އޮގަސްޓު މަހުގެ ތެރޭގައި ހައިނާންގައި 10,000 އަށްވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި، އެންމެ ހަލުވި ކަމާ އެކު ބަލި ފެތުރެމުން ދަނީ މަސްވެރި އާބާދީތަކުގައެވެ.

ކޮވިޑާއި މަސްމަހާމެއްސާ ގުޅުމެއް ވާ ކަމަށް ޗައިނާގެ މީޑީޔާތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް، މި ކަމަށް ބާރުދޭ އެއްވެސް ސައިންޓިފިކް ހެއްކެއް ހޯދިފައެއް ނެތެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު މި ބަލި އެންމެ ފުރަތަމަ ފަހަރަށް ފެތުރެން ފަށާފައި ވަނީ ޗައިނާގެ ރަށެއް ކަމުގައިވާ ވޫހާންގެ ދިރޭ ތަކެތި ވިއްކާ މާރުކޭޓެއްގައެވެ.

2020 ޖޫންގައި ޗައިނާގެ ވެރިރަށް ބެއިޖިންގުގެ "ސެމަން" ވިއްކާ މާރުކޭޓެއްގައި މަސްކެނޑުމަށް ބޭނުންކުރާ ޗޮޕިންގް ބޯޑުތަކަކުން ކޮވިޑްގެ ވައިރަސް ފެނުނެވެ. އެ ތަނަކީ، ސެމަން އެކްސްޕޯޓު ކުރުމަށް ތައްޔާރު ކުރާ ތަނެކެވެ. މިއާ އެކު، އެހެން ޤައުމުތަކުގެ މާރުކޭޓުތަކާއި ފިހާރަތަކުގައި ހުރި ޗައިނާގެ ސެމަން ވިއްކުން ހުއްޓައިލިއެވެ. މޭ މަހުގެ ތެރޭގައި ޗައިނާގެ އިރުމަތީގައިވާ ޒޭޖިއާންގް ޕުރޮވިންސުގެ ހައިވާނުބަގީޗާއެއްގައި އޮންނަ ކަނޑުގެރިއެއްގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރާ މަންޒަރު ދައްކުވައިދޭ ވީޑިޔޯތަކެއް ވެސް ފެނިގެން ދިޔައެވެ.