ޚަބަރު

ސްވިޑްންގެ ފިހާރަފައްޗެއްގައި ބަޑިޖަހައި މީހަކު މަރައިލައިފި


ސްވިޑްންގެ ދެކުނުގެ ރަށެއް ކަމުގައިވާ މަލްމޯގައި ހުންނަ އެމްޕޯރިޔޯ ފިހާރަފަތީގައި ދިން ބަޑީގެ ހަމަލާތަކެއްގައި އެކަކު މަރުވެ، އިތުރު މީހަކު ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދޭން ފަށައިފިއެވެ. މި ހަމަލާއާ ގުޅިގެން ޒުވާން އުމުރުފުރައިގެ ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ. މި ހަމަލާއަކީ، ސްވިޑްންގައި ހިނގަމުންދާ ގޭންގު މާރާމާރީތަކާ ގުޅޭ ހަމަލާއެއް ކަމަށް ފުލުހުން ބުނެއެވެ.

މި ހަމަލާ ދީފައި މި ވަނީ، ސްވިޑްންގެ ޢާންމު އިންތިޚާބަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ގޭންގު ކުށްތައް ހުއްޓުވުމުގެ މައުޟޫޢަކީ، އަންނަ އަންނަ ސެޕްޓެންބަރު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަޒަރު ހުއްޓިފައިވާ އެއް މައުޟޫޢެވެ. ސްވިޑްންއަކީ، ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ތެރެއިން ބަޑި ޖެހުމުގެ މިފަދަ ހާދިސާތައް އެންމެ ގިނަ، އަދި މިފަދަ ހަމަލާތަކުގައި އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ އެއް ޤައުމެވެ.

ސްވިޑްންގައި މި އަހަރުގެ މިހާތަނަށް ދީފައިވާ މިފަދަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 44 އަށް އަރާފައެވެ. މި އެންމެން ވެސް މަރުވެފައި ވަނީ ގޭންގުތަކާ ގުޅޭ ބަޑިޖެހުމުގެ ހާދިސާތަކުގައެވެ. 2021 ވަނަ އަހަރު ގޭންގުތަކާ ގުޅޭ ބަޑިޖެހުމުގެ ހާދިސާތަކުގައި 46 މީހުން މަރުވިއެވެ.

ސްވިޑްންގެ އާބާދީގެ ކޮންމެ 1 މިލިޔަން މީހުންގެ ތެރެއިން 4 މީހަކު، ގޭންގު ހަމަލާތަކުގައި ކޮންމެ އަހަރު މަރުވެއެވެ. މުޅި ވިލާތަށް ބަލައިލާއިރު، މި އަދަދުގެ އެވްރެޖު އުޅެނީ 1.6 ގައެވެ. ބަޑިޖެހުމުގެ މިފަދަ ހަމަލާތައް އެންމެ ގިނައީ ސްވިޑްންގެ ބޮޑެތި ސިޓީތަކާއި ރަށްތަކުގައެވެ. އަދި، ގޭންގުތައް ހަރަކާތްތެރި ވަނީ ވެސް އެ ރަށްތަކުގައެވެ. ނަމަވެސް، ގޭންގުތަކުން ހިންގާ ނުރައްކާތެރި އަމަލުތައް ބޮޑެތި ރަށްތަކުން ބޭރު ސަރަޙައްދުތަކަށް ވެސް މިހާރު ވަނީ ފެތުރިފައެވެ.

ގޭންގުތަކުގެ އަމަލުތައް އިތުރުވެފައި ވަނީ، އެ ޤައުމަށް ހިޖުރަކޮށްފައިވާ މީހުންނާ މެދު ސަރުކާރުން އަމަލުކުރާ ގޮތާއި، މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް އާމްދަނީގެ ފަރަގާއި، މަސްތުވާތަކެއްޗާ ގުޅިގެން ކަމަށް ބެލެވެއެވެ. ހިޖުރަކުރާ މީހުންނާ މެދު އަމަލު ކުރާ ގޮތުން ގޭންގު ކުށްތައް އިތުރުވާ ކަމަށް ސްވިޑްންގެ ބޮޑުވަޒީރު މެގްޑަލޭނާ އެންޑަރސަން ވެސް ވަނީ ވިދާޅުވެފައެވެ.

ސްވިޑްންގެ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 41 އިންސައްތަ ޤަބޫލު ކުރާ ގޮތުގައި، ގޭންގުތަކާއި ގޭންގު ކުށްތަކަކީ އެ ޤައުމަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އަދި، ފާއިތުވި އަށް އަހަރު ވެރިކަން ކޮށްފައިވާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް އެ ކަން ހުއްޓުވަން ނުކުޅެދިފައިވާ ކަމަށް ވޯޓުލާ މީހުން ޤަބޫލު ކުރެއެވެ.