ޚަބަރު

ސޫރިޔާގެ މާރުކޭޓަކަށް ހަމަލާދީ 14 މީހުން މަރާލައިފި


ސޫރިޔާގެ އުތުރުގައިވާ ރަށެއް ކަމުގައިވާ އަލްބާބްގެ ކާރޫބާރޫ ބޮޑު މާރުކޭޓަކަށް ދިން ރޮކެޓް ހަމަލާއެއްގައި 14 މީހުން މަރުވެއްޖެއެވެ. މި ހަމަލާގައި 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވާއިރު، މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، މި ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ސޫރިޔާގެ ޞިއްޙީ އޮފިޝަލުން ބުނެއެވެ.

ސޫރިޔާގެ 11 އަހަރުވީ ދާޚިލީ ހަނގުރާމައިގައި، އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތައް އޮތީ ބައިބައިވެފައެވެ. އަލްބާބް ހިމެނެނީ، ޙަލަބުގައި ހަރަކާތްތެރިވާ ސޫރިޔާގެ ސަރުކާރާ ދެކޮޅު ހަތިޔާރު އެޅި ޖަމާޢަތްތަކުންނެވެ. އެ ޖަމާޢަތްތަކަކީ ތުރުކީ ވިލާތުން ވާގިވެރިވެދޭ ޖަމާޢަތްތަކެކެވެ. ސޫރިޔާގެ އުތުރުގެ އަނެއްބައި ސަރަޙައްދުތައް ކޮންޓްރޯލް ކުރަނީ ސަރުކާރާއި ރަޝިޔާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކެވެ.

މީގެ އިތުރުން، އެމެރިކާއިން އެއްބާރުލުންދޭ ހަނގުރާމަވެރިންގެ ޖަމާޢަތެއް ކަމުގައިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް)އިން ވެސް އެ ޤައުމުގެ އުތުރުގެ ބައެއް ސަރަޙައްދުތައް ކޮންޓްރޯލް ކުރެއެވެ. އަލްބާބްގެ މާރުކޭޓަށް ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް އެސް.ޑީ.އެފް.އިން ބުނެއެވެ.

މާރުކޭޓަށް ހަމަލާ ދީފައި ވަނީ، ހުކުރު ނަމާދަށް ފަހު އެ ސަރަޙައްދުގައި މުޒާހަރާއެއް ބޭއްވުމަށް ރާވާފައިވާ ދަނޑިވަޅެއްގައެވެ. މި މުޒާހަރާއަކީ، ސޫރިޔާގެ ސަރުކާރާ އެކު ޞުލްޙައިގެ މަޝްވަރާތައް ފެށުމަށް ތުރުކީ ވިލާތުން ގޮވައިލުމާ ގުޅިގެން، އެ ކަމާ ދެކޮޅަށް އަޑުއުފުލުގެ ގޮތުން ބޭއްވުމަށް ރާވާފައިވާ މުޒާހަރާއެކެވެ.