ޚަބަރު

ޔަހޫދީން ފަލަސްތީނުގެ އުމުރުން ދުވަސްވީ މީހެއް ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުގެ ސިފައިން އަޅުވެތި ކޮށްފައިވާ ހުޅަނގު އައްސޭރިއަށް އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްތީނުގެ 58 އަހަރުގެ މީހެއް ޝަހީދު ކޮށްލައިފިއެވެ. ފަލަސްތީނުގެ ޞިއްޙީ ވުޒާރާއިން ބުނީ، ޞަލާޙް ތައުފީޤު ޞަވަފްތާ ޝަހީދުވީ، ޔަހޫދީ ސިފައިން އޭނާގެ ބޮލަށް ބަޑި ޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ކަމުގައެވެ.

ޞަވަފްތާއަކީ ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ތޫބާސްގެ ރައްޔިތެކެވެ. އޭނާ ޝަހީދު ކޮށްލުމަށް ޔަހޫދީ ސިފައިން ހަމަލާ ދީފައި ވަނީ، ފަތިސް ނަމާދުގެ ޖަމާޢަތަށް ދިޔުމަށް ފަހު، އެނބުރި ގެޔަށް ދިޔަ މަގުމަތީގައެވެ. ޔަހޫދީ ސިފައިން ހަމަލާ ދޭން ފެށުމާ އެކު އޭނާ ވަނީ އެ ތަން ކައިރީގައި ހުރި ބޭކަރީއަކަށް ވަދެ ހިމާޔަތް ހޯދަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް، ޔަހޫދީންގެ ސިފައިން ބުނީ، އެ މީހުން ހަމަލާ ދީފައި ވަނީ އެ މީހުންނާ ދިމާލަށް ގައު އުކި ފަލަސްތީނުގެ ޒުވާނުންތަކަކަށް އަމާޒުކޮށް ކަމުގައެވެ. އެ ވަގުތު ޔަހޫދީންގެ ސިފައިން ދިޔައީ ހުޅަނގު އައްސޭރީގައި އުދުވާންތަކެއް ހިންގަމުންނެވެ. މި އުދުވާންތަކުގައި ތޫބާސްގެ އިތުރުން ޘަމޫން ކިޔާ ރަށަކުން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ހައްޔަރު ކޮށްފައިވާ މީހުންނަކީ އިސްރާޢީލާ ދެކޮޅަށް ޓެރެރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ ބަޔެއް ކަމަށް ޔަހޫދީން ބުނެއެވެ.

އިސްލާމިކް ޖިހާދު ޖަމާޢަތުން ބުނީ، ޔަހޫދީންގެ އުދުވާންތަކުގައި އެ ޖަމާޢަތުގެ އިސް މެންބަރެއް ކަމުގައިވާ މައުމޫން ނަޢީމް ބަނީ އޮދާ ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އަދި، އެ ޖަމާޢަތުގެ މެންބަރުން ހައްޔަރު ކުރުމަށް ޚާއްޞަ އޮޕަރޭޝަންތަކެއް ޔަހޫދީ ސިފައިން ހިންގަމުންދާ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ.