ޚަބަރު

ނިއު ޒިލެންޑަށް ހުއްޓައިނުލާ ބޯކޮށް ވާރޭވެހޭތާ ހަތަރުވަނަ ދުވަސް


ނިއު ޒިލެންޑުގެ ބައެއް ސަރަޙައްދުތަކަށް ހުއްޓައިނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ. ހުއްޓުމެއްނެތި ހަތަރު ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ އުތުރުގައިވާ ނެލްސަންއަށެވެ.

ފެންބޮޑުވުމާ ގުޅިގެން އެ ރަށުގައި މީހުން ދިރުއުޅޭ 400 ގެއެއް ހުސްކުރަން ޖެހުނެއެވެ. އަދި، އެ ގެތަކުގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ. އެ ރަށުގެ ބައެއް ސަރަޙައްދުތަކަށް މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމުގައި ނިއު ޒިލެންޑުން ބުނެއެވެ.

އޮގަސްޓު 16 އިން ފެށިގެން މިއަދާ ހަމައަށް ނެލްސަންއަށް 172 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ނިއު ޒިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. މިއީ، ވިއްސާރަ މޫސުމުގައި ޢާންމުކޮށް އެ ސަރަޙައްދަށް ވާރޭ ވެހޭ މިންވަރަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދަށް 190 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.

ފެންބޮޑުވުމާ ގުޅިގެން ނެލްސަންގެ ރައްޔިތުން ވަނީ ސާފު ބޯފެނަށް ޖެހިފައެވެ. އަދި، އެ ސަރަޙައްދުގެ އައްސޭރިފަށަށް ބޮޑެތި ބިޔަ ރާޅުތައް ބިންދަމުންދާތީ، އައްސޭރި ފަށުގެ ސަރަޙައްދުތަކަށް ނުދިޔުމަށް ވެސް އެ ރަށުގެ އޮފިޝަލުން ވަނީ ޢާންމުންނަށް ގޮވައިލާފައެވެ.

ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނާއި، ގެދޮރު ހަލާކުވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިއު ޒިލެންޑުގެ އަސްކަރިއްޔާއިން ދަނީ ހަރަކާތްތެރިވަމުންނެވެ.