ޚަބަރު

ވެލްނީވާ ކޮވިޑް ވެކްސިނަށް ހުއްދަ ދީފި


ފަރަންސޭސި ވިލާތުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމުގައިވާ ވެލްނީވާއިން ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިނަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ހުއްދަ ދީފިއެވެ. އެ ޖަމުޢިއްޔާގެ ވެކްސިނާ ބެހޭ މުޝީރުންގެ ޓީމުން ބުނީ، މި ވެކްސިން ޖެހުމަށް އެންމެ ރަނގަޅު އުމުރުން 18 އާއި 50 އަހަރާ ދެމެދު މީހުން ކަމުގައެވެ. އަދި، މިއީ މާބަނޑު މީހުންނަށް ވެސް ދިނުމަށް އެކަށީގެންވާ ވެކްސިނެއް ކަމުގައި އެ ޓީމުން ބުނެއެވެ.

ނަމަވެސް، އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި، 50 އަހަރުން މަތީގެ މީހުން މި ވެކްސިން ދިނުމުގެ ހުއްދަ ދިނުމަށް ޑަބްލިޔު.އެޗް.އޯ.އިން އަދި ނިންމާފައެއް ނުވެއެވެ. ސަބަބަކީ، އެ އުމުރުފުރާތަކުގެ މީހުންނަށް ވެކްސިނުން ކުރާ އަސަރު ދެނެގަތުމަށް އަދި މިހާތަނަށް ޓެސްޓުތައް ހަދާފައި ނެތުމެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިނާ އަޅައިބަލާއިރު، ވެލްނީވާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ހަށިގަނޑުގައި ކޮވިޑްގެ ވައިރަހާ ހަނގުރާމަ ކުރާ އެންޓިބޮޑީޒް އުފައްދައިދޭ މިންވަރު އިތުރު ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި، އުމުރުން 18 އާއި 30 އަހަރާ ދެމެދުގެ މި އަދަދު ވަރަށް ބޮޑަށް އިތުރުވާ ކަމަށް ވެސް ޓެސްޓުތަކުން ހާމަވެއެވެ.

ކޮވިޑަށް ފަރުމާ ކޮށްފައިވާ އެހެން ވެކްސިންތަކެކޭ އެއް ފަދައިން، މި ވެކްސިންގެ ވެސް ދެ ޑޯޒު ފުރިހަމަ ކުރަން ޖެހޭނެއެވެ. ދެވަނަ ޑޯޒު ދެވޭނީ ފުރަތަމަ ޑޯޒަށް ފަހު 28 ދުވަސް ފަހުންނެވެ. އަދި، ބައްޔަށް ހުށަހެޅިފައިވާ މީހުންނާއި، ޞިއްޙީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް، މި ވެކްސިންގެ ބޫސްޓަރ ޑޯޒްއެއް ދިނުމަށް ވެސް ޑަބްލިޔު.އެޗް.އޯ.އިން ވަނީ ލަފާ ދީފައެވެ. ބޫސްޓަރ ޑޯޒް ދެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާ ތާރީޚުން ފެށިގެން 4 އާއި 6 މަސް ދުވަސް ފަހުންނެވެ.