ޚަބަރު

ފަލަސްޠީނުގެ މަދަނީ ޖަމުޢިއްޔާތަކަށް ޔަހޫދީން ހުރަސް އަޅަނީ


ޔަހޫދީ އިސްރާޢީލުގެ ސިފައިން ފަލަސްތީނުގައި ހިންގާ މަދަނީ ޖަމުޢިއްޔާތަކެއްގެ އޮފީސްތަކަށް ރޭޑު ޖަހައި، އޭގެ ތެރެއިން ހަތް އޮފީހެއް ބަންދުކޮށްފިއެވެ. ހުޅަނގު އައްސޭރީގައި ހިންގާ ހަތް ޖަމުޢިއްޔާގެ އޮފީސްތަކަށް ރޭޑު ޖަހައި، ޔަހޫދީ ސިފައިން އެ ތަންތަން ބަންދުކޮށްފައި ވަނީ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ވާގިވެރިވެދޭ ކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން، އ.ދ.އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ޖަމުޢިއްޔާތަކުގެ އޮފީސްތައް ޔަހޫދީ ސިފައިން ބަންދުކޮށްފައި ވަނީ، އެ މީހުން ކުރާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތިކަމުގައި ވެސް އ.ދ.އިން ބުނެއެވެ. ޔަހޫދީ ސިފައިން އެ އޮފީސްތަކަށް ވަދެ، އެ ތަންތަނުގައި ބޭނުންކުރާ ކޮމްޕިޔުޓަރތަކާއި އެހެނިހެން ސާމާނު ވެސް ވަނީ ގެންގޮސްފައެވެ.

އިސްރާޢީލުން ތުހުމަތު ކުރާ ގޮތުގައި، ބަންދުކޮށްފައިވާ އޮފީސްތައް ހިންގާ ޖަމުޢިއްޔާތަކަކީ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ޕޮޕިޔުލަރ ފްރޮންޓް ފޯރ ދަ ލިބެރޭޝަން އޮފް ޕަލަސްޓައިންއަށް ވާގިވެރިވާ ޖަމުޢިއްޔާތަކެކެވެ. މީގެ ތެރެއިން ހަ ޖަމުޢިއްޔާއަކީ ޓެރެރިސްޓު ޖަމާޢަތްތަކެއްގެ ގޮތުގައި ޔަހޫދީން ވަނީ ކަނޑައަޅާފައެވެ.
"ޓެރެރިސްޓުން ކަމަށް ކަނޑައަޅައި އިސްރާޢީލުން ބަންދުކޮށްފައިވާ ޖަމުޢިއްޔާތަކުން އެ ފަދަ އަމަލުތަކުގައި ބައިވެރިވާ ކަމުގެ އެއްވެސް ހެއްކެ އިސްރާޢީލުން އ.ދ.އަށް ހުށަހަޅާފައެއް ނެތް. އެހެންކަމުން، މިއީ ޤާނޫނުތަކާ ޚިލާފަށް އިސްރާޢީލުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ބެލެވޭނެ،" އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ޖަމުޢިއްޔާތަކުގެ އޮފީސްތައް ބަންދު ކުރި ނަމަވެސް، އެ ޖަމުޢިއްޔާތަކާ އެކު ކުރަމުންދިޔަ މަސައްކަތްތައް ހުއްޓައި ނުލާނެ ކަމަށް ވިލާތުގެ އިއްތިހާދުގެ ނުވަ ޤައުމަކުން ވަނީ ބުނެފައެވެ. އެ ޤައުމުތަކަކީ ބެލްޖިޔަމް، ޑެންމާކް، ފަރަންސޭސި ވިލާތް، ޖަރުމަނު ވިލާތް، އަޔަލެންޑް، އިޓަލީ ވިލާތް، އަދި ސްޕެއިންގެ އިތުރުން ސްވިޑްންއެވެ.

ފަލަސްތީނުން ވެސް ވަނީ ޔަހޫދީންގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު ޝްތައްޔާ ވިދާޅުވީ، ޔަހޫދީން ބަންދު ކޮށްފައިވާ ޖަމުޢިއްޔާތަކަކީ އެ ޤައުމުގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން އަމަލު ކުރަމުންދާ ޖަމުޢިއްޔާތަކެއް ކަމުގައެވެ.