ޚަބަރު

ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތަކަށް ގުތެރޭޝް ޔޫކްރެއިނަށް


އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ޔޫކްރެއިނަށް ޒިޔާރަތް ކުރައްވައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރައްވައިފިއެވެ. އޭނާގެ އަރިހުގައި ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވެސް ޔޫކްރެއިނަށް ވަޑައިގެންނެވިއެވެ.

ތިން ބޭފުޅުންގެ ބައްދަލުވުމުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެނެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މި ގޮތުން މަޝްވަރާ ކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޔޫކްރެއިނުގެ ގޮވާން އެކްސްޕޯޓު ކުރުމަށް ވެފައިވާ އެއްބަސްވުން ދެމެހެއްޓުމާއި، ހަނގުރާމައިގެ މައިދާނުން ހައްޔަރުކޮށްފައިވާ ދެ ޤައުމުގެ ސިފައިން ބަދަލު ކުރުން ހިމެނެއެވެ.

އ.ދ.އިން އިސްނަގައިގެން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ ގޮވާން އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމަށް ދެ ޤައުމުން ވެސް އަމަލު ކުރުމަށް ގުތެރޭޝް ގޮވައިލެއްވިއެވެ. "ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރި ދުވަހުން ފެށިގެން ވަރަށް ސާފު ކޮށް މި ކިޔަނީ އެކައްޗެއް. ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައި އޮތް ކާބޯތަކެތީގެ ދަތިކަން ހައްލެއް ނުކުރެވޭނެ ޔޫކްރެއިނާއި ރަޝިޔާގައި ހައްދާ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ބާޒާރަށް ނުފޯރަންޏާ. ރަޝިޔާގައި ހައްދާ ގަސްކާނާ ވެސް އެކްސްޕޯޓު ކުރެވެން ޖެހޭ،" ގުތެރޭޝް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް ބަރުކޮށްގެން މަހެއްހާ ދުވަހުގެ ތެރޭގައި 21 އާގުބޯޓެއް ވަނީ ފުރާފައެވެ. އަދި، 15 އާގުބޯޓެއް މިހާރު ވެސް ދަނީ ޔޫކްރެއިންގެ ބަނދަރުތަކާ ދިމާލަށް ދަތުރު ކުރަމުންނެވެ. ތުރުކީ ވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މަޝްވަރާތަކުން، ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގެ ފުރުޞަތު ދިނުމަށް ރަޝިޔާއިން އެއްބަސްވެފައި ވަނީ ޖުލައި 22 ގައެވެ.

"ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އެތައް ގުނައަކަށް އުފުލިގެން ދިޔުމަށްފަހު، މިހާރު ތަކެތީގެ އަގުތައް ދަނީ ހަމަޖެހެމުން. ނަމަވެސް، އަދިވެސް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި. ގިރާކުރަން ޖެހޭ ގިނަ ހަރުފަތްތަކެއް އެބަހުރި. ކާބޯތަކެއްޗާއި އެހެނިގެން މުދަލުގެ އަގުތައް ތިރި ކުރުމަށް ރަޝިޔާއާއި ޔޫކްރެއިނުން ގޮވާމާއި ގަސްކާނާ އެކްސްޕޯޓު ކުރުން ހުއްޓައިލައިގެން ނުވާނެ،" ގުތެރޭޝް ވިދާޅުވިއެވެ.

ގުތެރޭޝް ޔޫކްރެއިނަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޒެލެންސްކީއާ ބައްދަލު ކުރައްވާފައި ވަނީ ލްވިވްގައެވެ. ތުރުކީ ވިލާތުގެ ރައީސް އުރުދުޣާން ވިދާޅުވީ، ތިން ބޭފުޅުންގެ މަޝްވަރާތަކާ ބެހޭ މަޢުލޫމާތު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ހިއްސާ ކުރައްވައި، ހަނގުރާމައަށް ނިމުމެއް ގެނައުމަށް މަޝްވަރާ ކުރައްވާނެ ކަމުގައެވެ.