ކުޅިވަރު

އިތުރު ވަގުތުގައި ޖެހި ލަނޑުތަކާއެކު މާޒިޔާ ފައިނަލަށް


އެފްއޭ ކަޕް 2022 ގެ ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކު މާޒިޔާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ މާޒިޔާއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަކުރަމް އަބްދުލްޢަނީ (އަކޫ) އެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި ގްރީނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ހިލޭޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ.

އެއަށްފަހު ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ގްރީންއަށް މި މެޗުގައި މައްސަލަތަކެއް ދިމާވީ މެޗު ނިމެން ދެ މިނެޓަށް އެ ޓީމުގެ ކެޕްޓަން އަދި މެދުތެރެ ބެލެހެއްޓުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ރިލޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފާ ގްރީން ކުރިމަތިލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގައި މާޒިޔާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އަދި މާޒިޔާގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަމްޕުގެ ބަދަލުގައި ކުޅެން އެރި މޫސާ ޔާމީން (ޔާމްބެ) އެވެ.

މި މޮޅާއެކު މާޒިޔާ ފައިނަލަށް ދަތުރުކުރިއިރު، މިއީ 2014 ގެ ފަހުން މާޒިޔާ ކުޅޭ ފުރަތަމަ އެފްއޭ ކަޕް ފައިނަލެވެ. މާޒިޔާއިން ވަނީ 2014 ގެ އިތުރުން 2012 ވަނަ އަހަރު އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.