ޚަބަރު

އެމެރިކާއާއި ތައިވާނާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ފަށަނީ


އެމެރިކާއާއި ތައިވާނާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތަކެއް ފެށުމަށް އެއްބަސްވެއްޖެއެވެ. މި ކަމާ ގުޅޭ ޚާއްޞަ ޕުރޮގުރާމެއް ޖޫން މަހުގެ ތެރޭގައި އިޢުލާނު ކޮށްފައި ވާއިރު، މި އަހަރުގެ ޚިޒާން މޫސުމުގައި ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ބައްދަލުވުންތައް ފަށާނެ ކަމުގައި އެމެރިކާއިން ބުނެއެވެ.

"މިއީ ވަރަށް އުންމީދީ މަޝްވަރާތަކަކަށް ވާނެ. ކުރިއަށް ދާނީ ވަރަށް ބޮޑަށް ރޭވިގެން ވަކި ތަރުތީބެއްގެ ދަށުން. މަޤްޞަދަކީ، ވިޔަފާރިއާ އިޤްތިޞާދާ ގުޅޭ 11 ދާއިރާއަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުން. އަދި، ތައިވާނުގެ އިޤްތިޞާދަކީ 21 ވަނަ ގަރުނުގެ ދުނިޔެއަށް ފެތޭ، ވިލުންވެރި އިޤްތިޞާދަކަށް ހެދުން،" އެމެރިކާގެ ވިޔަފާރިއާ ބެހޭ މަންދޫބުގެ ނައިބު ސޭރާ ބިއާންޗީ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް އޮތް ހުރަސްތައް ނައްތައިލުމަކީ ވެސް މަޝްވަރާތަކުގެ މައިގަނޑު އަމާޒަކަށް ވާނެއެވެ. އެމެރިކާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމަށް ތައިވާނުން ބޭނުންވި ނަމަވެސް، ބައްދަލުވުންތަކުގައި އެ ކަމާ މެދު މަޝްވަރާ ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތެވެ.

އެމެރިކާއިން ތައިވާނާ އެކު ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުން މި ދަނީ، ތައިވާނުގެ މިނިވަން ކަމުގެ ބަހުސްގައި އެމެރިކާއާއި ޗައިނާއާ ދެމެދު ބޮޑު ނުތަނަސް ކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި މަހުގެ ކުރީކޮޅު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ތައިވާނަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން މި ނުތަނަސް ކަން ވަނީ އިތުރަށް ގޯސްވެފައެވެ.

އެ ދަތުރުފުޅާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ޗައިނާއިން ވަނީ ތައިވާން ވަށައިގެންވާ ވަޔާއި ކަނޑުގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ހިންގާފައެވެ. އަދި، ތައިވާނުގެ އިޤްތިޞާދީ ސަރަޙައްދު ތެރެއަށް ޗައިނާގެ އަސްކަރީ އުޅަނދުތަކާއި މަނަވަރުތައް ވަދެފައިވެއެވެ. އެ ތަމްރީނުތައް ނިންމައިލިތާ ކުޑަ ދުވަސްކޮޅެއް ފަހުން، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެވަނަ ވަފުދެއް އެ ޤައުމުން ވަނީ ތައިވާނަށް ފޮނުވާފައެވެ.