ޚަބަރު

ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި


ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ނާބުލުސްއަށް ޔަހޫދީ އިސްރާޢީލުގެ ސިފައިން އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ. މި އުދުވާންތަކުގައި ފަލަސްތީނުގެ 30 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ކޮށްލާފައެވެ.

ޔަހޫދީން ޤަތުލުކޮށްލި ފަލަސްތީނުގެ ޒުވާނަކީ އުމުރުން 18 އަހަރުގެ ވަސީމް ޚަލީފާއެވެ. އޭނާއަކީ ނާބުލުސްގެ ރެފިޔުޖީ ކޭމްޕެއްގައި ދިރިއުޅޭ ޒުވާނެކެވެ. ޔަހޫދީންގެ އުދުވާނުގައި ފަލަސްތީނުގެ ފަސް މީހެއްގެ ގަޔަށް ބަޑި ޖަހާފައިވެއެވެ. މީގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިޔަސް ކަމުގައި ރެޑް ކްރެސެންޓްއިން ބުނެއެވެ.

ހުސްވި ހަފުތާގައި ޔަހޫދީ އިސްރާޢީލުން ހިންގި މި ފަދަ އުދުވާންތަކެއްގައި ފަލަސްތީނުގެ ތިން މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ނާބުލުސްގައި ހިންގި އެ އުދުވާންތަކުގައި ފަލަސްތީނުގެ އިތުރު ބަޔަކު ޝަހީދު ކޮށްލާފައި ވަނީ، އިސްލާމިކް ޖިހާދު ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ ޣައްޒާއަށް ބޮންއެޅުމަށް ހިންގި ވަރުގަދަ އަސްކަރީ ކެމްޕޭން ނިންމައިލިތާ ތިން ދުވަސް ފަހުންނެވެ.

56 ގަޑިއިރަށް ދެމިގެންދިޔަ ޔަހޫދީންގެ އުދުވާންތަކުގައި ޝަހީދު ކޮށްލި ފަލަސްތީނުގެ މުސްލިމުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ޢާންމުންނާއި ކުށެއް ނެތް ކުޑަކުދިންނެވެ. އަދި، އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމުކޮށްލާފައެވެ.